ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮލިފައިންއަށް ނުކުންނަ ކްރިކެޓް ޓީމަށް ޖާޒީ ހަވާލުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ މަހު މެލޭޝިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް ކޮލިފައިން މުބާރާތުގައި ވާދަކުރުމަށް ޓަކައި 12ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސީނިއާ ޤައުމީ ކްރިކެޓް ޓީމު އިއުލާނުކޮށް، ހ. ބޯޅަގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްރީލަންކާގެ ސަފީރު މުޙައްމަދު ރިޒްވީ ހަސަން ޝަރަފުވެރިކޮށްދެއްވި މި ހަފުލާގައި، ޓީމުގެ ކެޕްޓަންކަން ހަސަން ހާޒިޤްއަށް ދީފައިވާއިރު ނައިބު ކެޕްޓަނަކަށް ހަމަޖެއްސީ ޔޫސުފް އަޒްޔާންއެވެ. މި ފަހަރުގެ މުބާރާތަށް ދިވެހި ޓީމު ނުކުންނާނީ އަފްޣާނިސްތާނަށް ނިސްބަތްވާ ފެންވަރު ރަނގަޅު ތަޖުރިބާކާރު ކޯޗެއް ކަމަށްވާ އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުންނެވެ.

މެލޭޝިއާގައި ކުރިއަށްދާ 2028ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަންގެ ގްރޫޕް ބީގައި ރާއްޖެ ހިމެނޭއިރު، ދެން މި ގްރޫޕްގައި އޮތީ ސައުދީ އަރަބިއްޔާ، ހޮންގކޮންގ، ސިންގަޕޫރު، ކެމްބޯޑިއާ، ޗައިނާ އަދި މެލޭޝިއާއެވެ. ދިވެހި ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި އަންނަ މަހުގެ 8ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާއިރު، އޭގެ ފަހުން 9ވަނަ ދުވަހު ސިންގަޕޫރާ އަދި 11ވަނަ ދުވަހު ކުޅޭނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މެލޭޝިއާއާއެވެ. އަދި 12ވަނަ ދުވަހު ހޮންގކޮންގާ ދެކޮޅަށް ކުޅުމަށްފަހު ގްރޫޕްގެ ފަހު މެޗުގައި 14ވަނަ ދުވަހު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ.

މުބާރާތަށް ފުރުމުގެ ކުރިން ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ޓަކައި ކޭމްޕްކުރަން ޓީމު ލަންކާއަށް ފުރުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. އަދި ލަންކާ މަގުން ގޮސް މެލޭޝިއާއަށް ޓީމު އެތެރެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5ވަނަ ދުވަހުއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ޓީމުގެ އޮފިޝަލް ކިޓް ސްޕޮންސަރަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު އޮތް އެއްބަސްވުން ވަނީ އިތުރު އެއް އަހަރަށް އާކޮށްފައެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން މި ކޮންޓްރެކްޓްގައި ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ސޮއިކުރެއްވިއިރު، އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ހެޑް އޮފް މާކެޓިން އަޝަން ޖަމާލްއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު