ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސިންގަޕޫރު އަތުން ބަލިވެ ރާއްޖެއަށް ނާކާމިޔާބީ

ޝެއާ ކުރޭ Facebook Telegram Viber X

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިއަދު ކުރިއަށްދިޔަ އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް 2028ގެ ސަބް ރީޖަނަލް ކޮލިފައިން މެޗުގައި 33ލަނޑުގެ ތަފާތަކުން ސިންގަޕޫރު އަތުން ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެއެވެ.

ސެލަންގޯ ޓާފް ކުލަބުގައި ކުޅުނު މި މެޗުގެ ޓޮސް ކާމިޔާބުކޮށް ސިންގަޕޫރުން ފުރަތަމަ ކުޅެން އަރައި، ކަނޑައެޅިފައިވާ އޯވަރުތައް ނިމުނުއިރު ހަ ވިކެޓް ގެއްލިގެން 188ލަނޑު އެއްކުރިއެވެ. ނަމަވެސް، މި ލަނޑުތައް ހަމަކުރުމަށް ރާއްޖެއިން ކުޅެން ނުކުމެ، މެޗު ނިމުނުއިރު ހަތް ވިކެޓަށް ހެދުނީ އެންމެ 155ލަނޑެވެ. 

ސިންގަޕޫރު ޓީމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ 61ބޯޅައިން 105ލަނޑު ހެދި ސުރެންދުރަން ޗަންދުރަމޯހަންއެވެ. އޭނާގެ މި މޮޅު ކުޅުމުގައި 13ހަތަރަކާއި ހަތަރު ހަޔައްޓެހި ހިމެނެއެވެ. އޭގެ އިތުރުން މަންޕްރީތު ސިންގް ވެސް ވަނީ 36ބޯޅައިން 50ލަނޑު އެއްކޮށްފައެވެ. ދިވެހި ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34ބޯޅައިން 40ލަނޑު ހެދި އިގުބާލް ޝީރާޒެވެ.

މިއީ މި މުބާރާތުގައި ރާއްޖެއަށް ކުރިމަތިވި ފުރަތަމަ ނާކާމިޔާބީއެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޗައިނާގެ މައްޗަށް 10ވިކެޓުން ފުރިހަމަ މޮޅެއް ހޯދާފައެވެ. 

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޮލިފައިންގައި ރާއްޖެ ހިމެނިފައި ވަނީ ޗައިނާ، ސިންގަޕޫރު، ސައުދީ އަރަބިއްޔާ، މެލޭޝިއާ އަދި ހޮންގް ކޮންގްއާއެކު ގްރޫޕް ބީގައެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 6:15ގައި ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު