ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗައިނާ ބަލިކޮށް ރާއްޖެއަށް ރަނގަޅު ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

މެލޭޝިއާގައި ފެށި އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީ ގެ ފުރަތަމަ މެޗުގައި، ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތާއި މުޙައްމަދު ރިޝްވާން ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ޗައިނާގެ މައްޗަށް 10ވިކެޓުން ކުރިހޯދައި ދިވެހިރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުން މުބާރާތުގެ ފެށުން ވަރަށް ފުރިހަމަކޮށްފިއެވެ.

ކުއާލަލަމްޕޫރުގެ ބަޔުއެމަސް އޯވަލްގައި ކުޅެވުނު މި މެޗުގެ ޓޮސް ކާމިޔާބުކޮށް ޗައިނާއިން ނިންމީ ކުޅެން އެރުމަށެވެ. އެހެން ނަމަވެސް ދިވެހި އުކުންތެރިންގެ މޮޅު އުކުންތަކާ އެކު، ޗައިނާގެ ބެޓްސްމަނުންނަށް މާބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. ނަތީޖާއެއްގެ ގޮތުން 16.3އޯވަރުގެ ތެރޭގައި ޗައިނާގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ އެންމެ 96ލަނޑެވެ. ޗައިނާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15ބޯޅައިން 15ލަނޑު ހެދި ޒޮންގް ޔުއެޗާއޯއެވެ. ރާއްޖެއިން އެންމެ ފާހަގަކޮށްލެވުނީ 4އޯވަރުގެ ތެރޭގައި 33ލަނޑަށް 3ވިކެޓު ނެގި ކެޕްޓަން އަޒްޔާނެވެ.

ޗައިނާއިން ދިން 97ލަނޑުގެ އަމާޒާ ހަވާލުވެ ރާއްޖެއިން ކުޅެން އަރައި، އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން އެންމެ 10.1އޯވަރުގެ ތެރޭގައި ރާއްޖެއިން ވަނީ 100ލަނޑު ހަދައިފައެވެ. އޯޕަނިންގ ބެޓްސްމަނުންގެ ގޮތުގައި އެރި ކެޕްޓަން އަޒްޔާން އަދި ރިޝްވާންގެ ވަރުގަދަ ޕާޓްނަރޝިޕްގެ ސަބަބުން ޗައިނާ ޓީމަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދި އަޒްޔާން ވަނީ 33ބޯޅައިން 52ލަނޑު ހަދާފައެވެ. އޭގެ ތެރޭގައި ފަސް ހަތަރަކާއި ތިން ހަޔެއް ހިމެނެއެވެ. އޭނާއަށް ފުރިހަމައަށް އެހީތެރިވެދިން ރިޝްވާން ވަނީ 29ބޯޅައިން 44ލަނޑު އެއްކޮށްފައެވެ.

މި ފެށުމާއެކު ރާއްޖެއިން ދެން ކުރިމަތިލާން ޖެހޭނީ އޮކްޓޫބަރު 9ވާ ހުކުރު ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:00ގައި ސިންގަޕޫރާއެވެ. އޭގެ ފަހުން އޮކްޓޫބަރު 11ވާ އާދީއްތަ ދުވަހުގެ ހެނދުނު 06:15ގައި ހޮންކޮންގްއާ ބައްދަލުކުރާއިރު، އޮކްޓޫބަރު 12ވާ ހޯމަ ދުވަހު ހަމަ އެ ގަޑީގައި ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ އޮކްޓޫބަރު 14ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00ގައި ސައުދީ އަރަބިއްޔާއާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު