އަންނަ މަހު މެލޭޝިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިސީސީ މެންސް ޓީ- 20ވޯލްޑްކަޕް 2028ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ޚާއްޞަ ތަމްރީނުތަކެއް ހެދުމަށް މި މަހުގެ 27ވަނަ ދުވަހު ސްރީލަންކާއަށް ފުރަން ތައްޔާރުވެއްޖެއެވެ.
ދިހަ ދުވަހުގެ މުއްދަތަށް ލަންކާގައި ކުރިއަށްގެންދާ މި ކޭމްޕުގައި ޖުމްލަ 14ކުޅުންތެރިއަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމަށް ފަހު މުބާރާތުގައި ވާދަކުރާނެ ފަހުގެ ސްކޮޑު އެކުލަވާލައި، ޤައުމީ ޓީމު މެލޭޝިއާއަށް ފުރާނީ ސީދާ ލަންކާއިންނެވެ. އަންނަ މަހުގެ 3އިން 15އަށް މެލޭޝިއާގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ޗައިނާ، ކެމްބޯޑިއާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، މެލޭޝިއާ އަދި ހޮންގކޮންގއެވެ.
މިހާރު މާފަންނު އެކުވެނި ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެތަނުގެ ވިނަގަނޑު ހަލާކުވެފައި އޮތުމަކީ ކުޅުންތެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށް ޤައުމީ ޓީމުގެ ހެޑް ކޯޗު އަސަދުﷲ ޚާން ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދީފައެވެ. އެގޮތުން ބޯޅަ ބައުންސްވުމުގައި ހުރި އުނދަގޫތައް އޭނާ ފާހަގަކުރިއެވެ.
ކޯޗު ބުނި ގޮތުގައި ސްރީލަންކާއަށް މިކުރާ ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅު ފެންވަރުގެ ކްރިކެޓް ޕިޗަކަށް ކުޅުންތެރިން އަހުލުވެރިކުރުވުމެވެ. ރާއްޖޭގައި އެފަދަ ފެންވަރުގެ ދަނޑެއް ނެތުމާ އެކު، މި ކޭމްޕުގެ ސަބަބުން ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީވެ، ޓީމުގެ ކުޅުން އެތައް ގުނައަކުން ރަނގަޅުވެގެންދާނެ ކަމަށް އޭނާ އުންމީދުކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.