އައިސީސީ މެންސް ޓީ 20ވޯލްޑް ކަޕް 2028ގެ އޭޝިއަން ސަބް ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުން މިހާރު ސްރީލަންކާގައި ކުރިއަށްގެންދާ ފެންވަރު ރަނގަޅު ތަމްރީނު ކޭމްޕާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ޓީމުގެ ކެޕްޓަން ހަސަން ހާޒިގް ހާމަކޮށްފިއެވެ.
މެލޭޝިއާގައި އޮންނަ މުބާރާތަށް ފުރުމުގެ ކުރިން ލަންކާގައި ކޭމްޕްކޮށްގެން ހޯދަމުންދާ ތަޖުރިބާތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ހާޒިގް ބުނީ، މި ފަރިތަކުރުންތަކުގައި ޓީމުގެ ރޫހު ވަރަށް ރަނގަޅު ކަމަށެވެ. އަދި ޓެސްޓް ކްރިކެޓް ކުޅޭ ފެންވަރުގެ ފަސްޓް ކްލާސް ދަނޑުތަކެއްގައި، ލަންކާގެ ހުނަރުވެރި މޮޅެތި ބޯލަރުންނާ ދެކޮޅަށް ކުޅެން ލިބުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރިއެވެ. ހާޒިގް އިތުރަށް ބުނި ގޮތުގައި އެ ދަނޑުތަކުގެ އައުޓްފީލްޑް ހަލުވިވުމުން، ކުޅުންތެރިންނަށް މެޗުތަކަށް ހޭނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދެއެވެ.
މި ކޭމްޕްގެ ތެރެއިން ޤައުމީ ޓީމުން އަންނަނީ ލަންކާގެ ވަރުގަދަ ކްލަބްތަކާ އެކު އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެމުންނެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން މަޢުލޫމާތު ދޭގޮތުގައި، މާލޭގެ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑު އޮތީ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ބޭރު ޤައުމެއްގައި ފެންވަރު ރަނގަޅު ޕިޗުތަކެއްގައި މެޗުތަކެއް ކުޅެލަން ލިބުމަކީ މުބާރާތަށް ނުކުންނައިރު ޓީމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.
އޭޝިއަން ސަބް ރީޖަނަލް ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މެލޭޝިއާ، ހޮންގްކޮންގ، ސިންގަޕޫރު، ސައުދީ އަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއެވެ.
މި މުބާރާތުގައި ވާދަކުރުމަށްޓަކައި ޤައުމީ ޓީމު މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މަހުގެ 5ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 8ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އެއަށްފަހު 9ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭއިރު، 11ވަނަ ދުވަހު މެލޭޝިއާއާ ބައްދަލުކުރާނެއެވެ. އަދި 12ވަނަ ދުވަހު ހޮންގްކޮންގް އާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 14ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.