އަންނަ އަންގާރަ ދުވަހުގެރޭ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ގަލްފް ކަޕުގެ ފައިނަލް މެޗުން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އާއި ސައުދީ އަރަބިއްޔާ ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ސައުދީން ދަތުރުކުރީ، އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅެގެން ވެސް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ސައުދީގެ މޮޅުވުމުގެ އަސްލަކީ އެ ޓީމުގެ އުމުރުން 34އަހަރުގެ ގޯލްކީޕަރު މުހައްމަދު އަލް އުވައިސްއެވެ. އޭނާ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ގަތަރުގެ ޖާސިމް ގާބިރު އަދި ބޫއަލަމް ހޫކީގެ ޕެނަލްޓީ ދިފާއުކޮށްފައެވެ. އަދި ހޫކީގެ ޕެނަލްޓީ ތަކުރާރުކުރަން ރެފްރީ އެންގުމުން، ދެވަނަ ފަހަރަށް ވެސް އުވައިސް ވަނީ އެ ހަމަލާ ނާކާމިޔާބުކޮށްލާފައެވެ.
މީގެ އިތުރުން ސެމީގެ ދެވަނަ މެޗުގައި، މިދިޔަ މުބާރާތުގެ ރަނަރަޕް އޮމާންގެ މައްޗަށް 1-0ގެ ހަނި ނަތީޖާއަކުން ކުރި ހޯދައިގެން ޔޫއޭއީން ވަނީ ފައިނަލުގެ އަނެއް ޖާގަ ހޯދާފައެވެ. ޒްލަޓްކޯ ޑަލިޗުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔޫއޭއީއަށް މި މެޗުގައި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އުސްމާން ކަމާރާއެވެ. މި މެޗުގެ 56ވަނަ މިނެޓުގައި ޔޫއޭއީގެ ނިކޮލަސް ހިމެނޭޒްއަށް ލިބުނު ޕެނަލްޓީއެއް ވަނީ ބޭކާރުވެފައެވެ. އޭގެ ފަހުން ޔޫއޭއީގެ ކުޅުމަށް ބޮޑު ބަދަލެއް ގެނެސް، ކުޅުންތެރިންގެ ހަކަތަ އާލާކުރުމަށް ޓަކައި ވަގުތުން ތިން ކުޅުންތެރިން ބަދަލުކުރި ކަމަށް މެޗަށް ފަހު އަބޫ ދާބީ ސްޕޯޓްސްއާ ވާހަކަދައްކަމުން ކޯޗު ޑަލިޗް ބުންޏެވެ. އަދި ވޭތުވެދިޔަ 20ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއީ ކަމުގައި އޭނާ ފާހަގަކުރިއެވެ.
ސެމީން ކެޓި ގަތަރުގެ ފަރާތުން މި މެޗުގައި ވަރުގަދަ ޑިފެންސެއް ފެނިގެންދިޔައިރު، ކޯޗު ހޫލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅޭ އެ ޓީމުގެ އެޑްމިލްސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އަދި މެޗުގެ 69ވަނަ މިނެޓުގައި މުހިންމު ކުޅުންތެރިޔާ އަކުރަމް އަފީފް ބަދަލުކުރުމުން އޭނާ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިތަން ވެސް ފެނިގެންދިޔައެވެ. ޔޫއޭއީ އަތުން ބަލިވި އޮމާން މި މުބާރާތުގެ ސެމީއަށް އައީ ގްރޫޕް ސްޓޭޖުގައި އިރާގާ އެއްވަރުވުމުން ގުރުއަތުލައިގެންނެވެ.
މިއީ 2018ވަނަ އަހަރަށް ފަހު ޔޫއޭއީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2007އަދި 2013ގައި މުބާރާތް ކާމިޔާބުކޮށްފައިވާ ޔޫއޭއީން މިފަހަރު ނުކުންނާނީ ތިންވަނަ ތަށްޓަކަށެވެ. އަނެއްކޮޅުން ފައިނަލް މެޗަށް ސައުދީން ނުކުންނާނީ، 22އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް ގަލްފް ކަޕްގެ ތަށި އަލުން އުފުލާލުމުގެ ފޮނި އުއްމީދުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.