ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރޭ ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު އުޒްބެކިސްތާނުގެ ޕަޚްތަކޯރާ 1-1އިން އެއްވަރުކޮށް، ސައުދީގެ ގަދަބާރު އަލް-އަހްލީން މުބާރާތުގެ ފެށުން ބަލިނުވެ ސަލާމަތްކޮށްފިއެވެ.
ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު 86ވަނަ މިނެޓުގައި ޖަހައި ކުރިހޯދީ ޕަޚްތަކޯރްގެ ފްލަމަރިއަންއެވެ. ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގައި ފިރާސް އަލް-ބްރިކާން ވަނީ ނަތީޖާ ހަމަހަމަކޮށް، އަލް-އަހްލީ ސަލާމަތްކޮށްދީފައެވެ. މިއީ ކުރީގެ ކޯޗު މަތިއަސް ޔައިސްލަގެ ބަދަލުގައި ޓީމާ ހަވާލުވި އައު ކޯޗު މަރީނޯ ޕުސިޗުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ.
ސައުދީގެ އެހެން ކުލަބުތަކަށް ބަލާއިރު، ގަތަރުގެ އަލް-ޝަމާލްއާ ދެކޮޅަށް ކުޅުނު މެޗުން އަލް-އިއްތިހާދު ވެސް އެއްވަރުވީ ހަމަ ކިރިޔާއެވެ. ބަގްދާދު ބޫނެޖާ 63ވަނަ މިނެޓުގައި އަލް-ޝަމާލްއަށް ލީޑު ނަގައިދީފައިވަނިކޮށް، ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލަނޑެއް ޖަހައި 1-1އިން ނަތީޖާ ހަމަހަމަކޮށްފައެވެ. އަނެއްކޮޅުން، ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ކުޅެމުން އަންނަ އަލް-ގަދްސިއާ ވަނީ ޔޫއޭއީގެ އަލް-ވަސަލްގެ މައްޗަށް 2-1އިން ކުރިހޯދާފައެވެ. އެ ޓީމުގެ ލަނޑުތައް ދެވަނަ ހާފުގައި ޖަހައިދިނީ ހޫލިއަން ކީނޯނޭސްއާއި މާޓެއޯ ރެޓެގީއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، އަލްބޭނިއާގެ ޔާސިރު އަސާނީގެ ތަފާތު މޮޅު ކުޅުމާ އެކު އިރާނުގެ އެސްތެގްލާލުން ވަނީ ގަތަރުގެ އަލް-ސާދު 3-0އިން ބަލިކޮށްފައެވެ. އަސާނީ ލަނޑެއް ޖެހުމުގެ އިތުރުން ސައީދު ސަހަރުޚީޒާންއަށް ލަނޑު ޖަހަން މަގުފަހިކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ އިސްމާޢީލް ގޮލީޒާދޭއެވެ. މީގެ އިތުރުން، އުޒްބެކިސްތާނުގެ ނެފްޗީން 1-0އިން އިރާގުގެ އެއަރ ފޯސް ކުލަބު ބަލިކުރިއިރު، ޔޫރީ ސޭސާގެ ލަނޑާ އެކު ޝަބާބް އަލް-އަހްލީން ވަނީ ހަމަ އެ ނަތީޖާއިން އިރާނުގެ ޓްރެކްޓަރ އެފްސީ ބަލިކޮށްފައެވެ.
މިފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް ކުރިއަށްދަނީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. ޓީމުތަކުގެ އަދަދު 24އިން 32އަށް އިތުރުކޮށްފައިވާއިރު، މިއީ ސައުދީގެ ފަސް ކުލަބެއް މުބާރާތުގެ މި މަރުހަލާގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ވެސްޓަން ރީޖަންގެ 16ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު ނޮކްއައުޓް މަރުހަލާއަށް ދަތުރުކުރާނެއެވެ. އަންނަ އަހަރުގެ މާޗު މަހު ގަދަ 16ގެ މެޗުތައް ކުޅުމަށް ފަހު، މުބާރާތުގެ އެންމެ ފަހު މަރުހަލާގެ މެޗުތައް އޭޕްރީލް 23އިން މެއި 1އަށް އޮންނާނީ ސައުދީ އަރަބިއްޔާގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.