ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކާމިޔާބު ތިން ސީޒަން ފަހު މަހްރޭޒް އަހުލީ ދޫކޮށްލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ސައުދީ ޕްރޯ ލީގުގެ މަޝްހޫރު ކުލަބު އަލް-އަހްލީގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު، އަލްޖީރިއާގެ  ފޯވާޑް ރިޔާދު މަހްރޭޒް އެ ޓީމު ދޫކޮށްލައިފިކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މި ވަކިވުމާ ގުޅިގެން އަލް-އަހްލީއިން 'އެކްސް' ގައި އާންމުކުރި ބަޔާނެއްގައި، މަހްރޭޒް އެ ކުލަބަށް ކޮށްދިން އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރަމުން ބުނެފައި ވަނީ، އޭނާއާ އެކު ހޭދަކުރި ތިން އަހަރަކީ ކުލަބުގެ ސަޕޯޓަރުންގެ ހިތްތަކުން ދުވަހަކު ވެސް ފޮހެވިގެންދާނެ ހަނދާންތަކެއް ނޫން ކަމަށެވެ. ފާއިތުވި ތިން ސީޒަނުގެ ތެރޭގައި މަހްރޭޒް ވަނީ އަލް-އަހްލީގެ ޖާޒީގައި 122މެޗު ކުޅެ، 37ލަނޑު ކާމިޔާބުކުރުމުގެ އިތުރުން 46ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. އަދި އޭނާގެ މުހިންމު ދައުރަކާ އެކު އެ ކުލަބުން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ މުބާރާތް ވިދިވިދިގެން ދެފަހަރު ކާމިޔާބުކޮށްފައެވެ.

ކުލަބު ފުޓްބޯޅައިގެ އިތުރުން ގައުމީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މަހްރޭޒް ވަނީ، އުމުރުން 35އަހަރުގައި ބައިނަލްއަގުވާމީ ފުޓްބޯޅައަށް އަލްވަދާއު ކިޔާފައިވާކަން ވެސް އިއުލާންކޮށްފައެވެ. ބާރަ އަހަރަށް ދެމިގެންދިޔަ އޭނާގެ ގައުމީ ކެރިއަރުގައި އަލްޖީރިއާއަށް 119މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 40ލަނޑު ޖަހައި، 45އެސިސްޓް ހަދާފައެވެ. މި ނަތީޖާތަކާ އެކު އޭނާ ވެފައިވަނީ އަލްޖީރިއާގެ ފުޓްބޯޅަ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.

ގައުމީ ޓީމާ އެކު މަހްރޭޒް ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ބަލާއިރު، 2014ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ގަދަ 16އަށް އަލްޖީރިއާ ފުރަތަމަ ފަހަރަށް ގެންގޮސްދިނުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ، މިއަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް އެ ޓީމު ދަތުރުކުރުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ. މީގެ އިތުރުން، 2019ވަނަ އަހަރު މިސްރުގައި އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އަލްޖީރިއާއިން ހޯދީ މަހްރޭޒްގެ ކެޕްޓަންކަމުގެ ދަށުންނެވެ.

މަހްރޭޒްގެ ވިދުން އެންމެ ބޮޑަށް ގަދަވެގެންދިޔައީ 2015-2016ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ލެސްޓަރ ސިޓީއިން ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެންނެވެ. އެއަށް ފަހު މެންޗެސްޓަރ ސިޓީއާ ގުޅި، އޭނާ ވަނީ ޕްރިމިއަރ ލީގުގެ ގިނަ ތަށިތަކަކާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޝަރަފުވެރި ތަށި ވެސް އުފުލާލައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ސަފުން ޖާގަ ހޯދާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު