ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަލް-ނަސްރަށް ޗެމްޕިއަންސް ލީގުގައި ހިތްދަތި ފެށުމެއް!

ޝެއާ ކުރޭ Facebook Telegram Viber X

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އަލް-އައިންއާ ދެކޮޅަށް ކުޅުނު މެޗުން 4-0ގެ ނަތީޖާއަކުން ބަލިވެ، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގައި ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް-ނަސްރާއި ދުނިޔޭގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރަށް ނާކާމިޔާބު ފެށުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މެޗުގެ ފުރިހަމަ ކޮންޓްރޯލް އަލް-އައިން އިން ނެގިއިރު، އެ ޓީމަށް އެންމެ ބޮޑު ތަފާތެއް ގެނެސްދިނީ ދެ ލަނޑު ކާމިޔާބުކުރި ހުސައިން ރަހީމީއެވެ. އަލް-ނަސްރުގެ ސާދު އަލް-ނާސިރުއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެޗުގެ 25ވަނަ މިނެޓުގައި ހުސައިން ފުރަތަމަ ލަނޑު ޖެހިއިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 63ވަނަ މިނެޓުގައެވެ. މީގެ އިތުރުން ހުސައިންގެ ބޭބެ ސުފްޔާން ރަހީމީ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އަލް-އައިންގެ ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޔޯގޯސް ޔަކޫމަކީސްއެވެ. ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން މި އުނދަގޫ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވުނީތީ އުފާކުރާ ކަމަށް މެޗަށްފަހު ޔަކޫމަކީސް ވަނީ ބުނެފައެވެ.

މި މުބާރާތުގައި ރިޔާޟްގައި ކުޅުނު ފޯރިގަދަ އަނެއް މެޗުގައި ގަތަރުގެ އަލް-ޣަރާފާގެ މައްޗަށް 2-1އިން ކުރިހޯދީ ސައުދީގެ އަލް-ހިލާލް އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރުބެން ނެވޭސް އަލް-ހިލާލްއަށް ލީޑު ނަގައިދިންއިރު، ދެވަނަ ހާފުގެ 73ވަނަ މިނެޓުގައި ސާގެއި މިލިންކޮވިޗް-ސަވިޗް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. އަލް-ޣަރާފާއަށް ސުންކަނޑައިލަދިން ހަމައެކަނި ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކުރީ އަލާ އެއްދީން ހަސަނެވެ. މި މެޗުގެ 32ވަނަ މިނެޓުގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އަލް-ހިލާލްގެ ކްރިސެންސިއޯ ސަމަވިލް އަދި އަލް-ޣަރާފާގެ އިސްމާޢީލް ބެނާސާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ލީގު ބުރުގައި ޖުމްލަ 16ޓީމު ވާދަކުރާއިރު، އޭގެ ތެރެއިން އެންމެ ކުރި ހޯދާ ގަދަ 8ޓީމަށް އަންނަ އަހަރުގެ މާޗު މަހު ކުޅޭ ނޮކްއައުޓް މަރުހަލާއިން ޖާގަ ލިބޭނެއެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ފައިނަލް މެޗުތައް އަންނަ އަހަރުގެ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު