ފީފާ އިންޓަނޭޝަނަލް ބްރޭކްގެ ތެރެއިން އެއްވެސް އެންގުމަކާ ނުލައި ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕް ދޫކޮށްދިޔަ މައްސަލަ ތަހުގީގުކުރަން ފެށުމަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑްކޮށްފިއެވެ.
ޕޯޗުގަލް އެފްއޭއިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އެޅީ ނޯވޭއާ ދެކޮޅަށް ކުޅެ މޮޅުވި މެޗަށްފަހު، ގަވާއިދާ ހިލާފަށް އުމުރުން 41އަހަރުގެ ތަރި ކޭމްޕުން ވަކިވުމަކީ ކުޅުންތެރިންގެ އަހުލާގީ މިންގަނޑާ ފުށުއަރާ ކަމަކަށް ވާތީއެވެ. މިކަމާ ގުޅިގެން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ ވަނީ 2000ބަހުގެ ދިގު ބަޔާނެއް ނެރެ، އޭނާ ޓީމު ދޫކޮށްދާން ޖެހުނީ ކޯޗު ޖޯޖް ޖެސޫސް އޮޅުވާލުމުން ކަމަށް ތުހުމަތުކޮށްފައެވެ. އޭނާ ބުނީ ފެޑަރޭޝަނުން ކަނޑައަޅާ ކޮންމެ އަދަބަކަށް ބޯލަނބާނެ ކަމަށާއި، ނަމަވެސް ކުލަބު ލެވެލްގައި ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަހާހާ ހިނދަކު ގައުމީ ޓީމަށް ކުޅުން ހުއްޓާނުލާނެ ކަމަށެވެ. އަދި މިކަމުގައި ކޯޗުގެ ފަރާތުން މައާފަށް އެދުމަށް ނޭދޭ ކަމަށާއި، ނަމަވެސް ކަން ހިނގާދިޔަ ގޮތް އާންމުންނަށް ސާފުކޮށްދިނުން މުހިންމުކަމަށް އޭނާ ބުންޏެވެ.
ނޯވޭ އަތުން 2-1އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ސީދާ ސްޕޭނަށް ފުރައިގެންދިޔަ ރޮނާލްޑޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މައްސަލަ ފެށުނީ އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފައްދައި، ބްރޭކްގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗެއްގައި ނުކުޅުވަން ކޯޗު ފުރަތަމަ ނިންމި ހިސާބުންނެވެ. އެކަމާ ދެކޮޅު ހެދުމުން، ފަހުން ގެއަށް އައިސް ބައްދަލުކޮށް ހުރިހާ މެޗަކުން ފުރުސަތު ދޭނެކަމުގެ ޔަގީންކަން ކޯޗު ދިން ކަމަށް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް، ނޯވޭ މެޗުގައި 30މިނެޓު ކުޅުވާނެކަމަށް ބުނެ ވޯމްއަޕް ކުރުވުމަށް ފަހު ބެންޗުގައި ބޭންދުމަކީ ކޯޗު އޭނާގެ ބަހާ ހިލާފުވި ދެވަނަ ފަހަރުކަމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދި ފޯވާޑް ފާހަގަކުރިއެވެ.
ރޮނާލްޑޯ އިތުރަށް ބުނީ، މެޗުގެ ފުރުސަތު ނުދީ ހުރެފައި ޓީމު އެއްކޮށް ކާން ތިއްބައި، އެސިސްޓެންޓް ކޯޗު މެދުވެރިކޮށް ވާހަކަދައްކަން ކޯޗު އުޅުމުން، އިތުރު ކަށަވަރުކަމެއް ހޯދުމުގެ ކުރިން ކޭމްޕް ދޫކޮށްދާން ނިންމީ ކަމަށެވެ. އަރާމުކުރަން ވަގުތު ދިނުމަކީ މައްސަލައެއް ނޫން ނަމަވެސް، ފިޒިކަލް ފިޓްނަސް ދަށްކަމަށް ބުނެ ބާކީކުރުން ބަލައިނުގަނެވޭނެކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޯޗު ޖެސޫސްއަކީ ސައުދީގެ އަލްނަސްރުގައި ވެސް ރޮނާލްޑޯއަށް އިރުޝާދުދިން އަދި ގައުމީ ޓީމާ ހަވާލުވުމުގައި ރޮނާލްޑޯގެ ފުރިހަމަ ތާއީދު ލިބުނު ފަރާތެކެވެ. ވޯލްޑް ކަޕަށް ފަހު އައު ކޯޗެއް ގެނައުމަށް ފެޑަރޭޝަނުގެ ރައީސް އެދުމުން ޖެސޫސްގެ ނަން ހުށަހެޅީ ހުދު އޭނާކަން ފާހަގަކޮށް، ރޮނާލްޑޯ ވަނީ މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ނުރުހުން ފާޅުކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ކޯޗު ޖެސޫސް ބުނީ، ރޮނާލްޑޯއާ އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި އޭނާއަށް ޓީމުން އަބަދުވެސް ޖާގަ އޮންނާނެ ކަމަށެވެ. ނަމަވެސް، އުމުރުން ދުވަސްވެފައިވުމުން ކުލަބުގައި ކޮންމެ ދުވަހަކު ޕްރެކްޓިސް ނުކުރާ ކުޅުންތެރިއަކަށް ވާތީ އަރާމުކުރަން ވަގުތު ބޭނުންވާނެކަމަށް ކޯޗު ބުންޏެވެ. ނޯވޭ މެޗުގައި އޭނާ ނުކުޅުވީ ގޮންކާލޯ ރާމޯސް މޮޅަށް ކުޅެ ގޯލު ޖަހަމުންދިއުމާ އެކު، މެޗުގެ އޮއިވަރު ހުރިގޮތުން ބަދަލެއް ގެންނަން ނުވިސްނުމުން ކަމަށް ކޯޗު ސާފުކޮށްދިނެވެ. އަދި ރޮނާލްޑޯގެ ބަޔާނަށް ރައްދުދިނުމުގެ ބަދަލުގައި އޭނާގެ އިސްކަން މިވަގުތު އޮތީ ކުރިއަށް ހުރި މެޗުތަކަށް ޓީމު ތައްޔާރުކުރުމަށް ކަމަށް ވެސް ޖެސޫސް ހާމަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.