ޔޫއޭއެފްއޭ ނޭޝަންސް ލީގުގެ މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުކޮށް ފިންލޭންޑްގެ ގައުމީ ޓީމުގެ ކޯޗު ޖޭކޮބް ފްރީސް ޖެހި ސަމާސާ ޖޯކަކަށް އެއްވެސް ނޫސްވެރިއެއްގެ ސަމާލުކަން ނުލިބުމުން އޭނާ ލަދުގަންނަން ޖެހިއްޖެއެވެ.
ޑެންމާކަށް އުފަން ކޯޗު ފްރީސް މި ސަމާސާ ކުރީ ޕޯޗުގަލްގެ ގައުމީ ޓީމު ދޫކޮށް ރޮނާލްޑޯ ދިޔަ ދިއުމަށް އިޝާރާތްކޮށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފްރީސް ބުނީ އޭނާގެ ކުޅުންތެރިން ތިބީ މެޗަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެއްވެސް ކުޅުންތެރިއަކު ޕްރައިވެޓް ޖެޓެއްގައި ފުރައިގެން ގޮސްފައިނުވާތީ، މެޗުގައި ބޭނުންކުރާނެ ގިނަ ފުރުސަތުތަކެއް އޭނާގެ އަތުގައި އެބައޮތް ކަމަށް ސަމާސާ ރާގަކަށް އޭނާ ބުންޏެވެ. ނަމަވެސް، އޭނާގެ މި ވާހަކައަށް އެތަނުގައި ތިބި އެއްވެސް ނޫސްވެރިއަކު އަޅައެއް ނުލިއެވެ.
ފްރާންސްގެ މޮންޓެކާލޯ ރޭޑިއޯއާ ހަވާލާދީ ގޯލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްރީސް އެ ވާހަކަ ދެއްކި ވަގުތު ޕްރެސް ކޮންފަރެންސް ހޯލުން ހިނިތުންވުމެއްގެ އަޑުވެސް އިވިފައެއް ނުވެ އެވެ. ނޫސްވެރިންގެ ފަރާތުން އެއްވެސް ތަރުހީބެއް ނުލިބުމުން ހައިރާންވި ކޯޗު ވަނީ، ބައްދަލުވުން ނިންމާލުމުގެ ކުރިން އަލުން އެ މައުލޫއަށް ވާހަކަދައްކާފައެވެ.
އޭނާ ދެވަނަ ފަހަރަށް ވާހަކަދައްކަމުން ބުނީ، ފުރަތަމަ އޭނާ ޖެހި ސަކަރާތް ނޫސްވެރިންނަށް ނަގައިގަނެވުނުހެން ހީނުވާ ކަމަށެވެ. އެ ވަގުތު އެތަނުގައި ހުރި ނޫސްވެރިއަކު ވަނީ އެ ޖޯކު އެނގުނު ކަމަށް ބުނެފައެވެ. އެއާ އެކު ފްރީސް ވަނީ ފިންލޭންޑް މީހުންގެ ސީރިއަސް މިޒާޖަށް އިޝާރާތްކޮށް ހީލަމުން، އެއްވެސް ތަރުހީބެއް ނުލިބުމުން ނޫސްވެރިން އޭނާ މޮޔައަކަށް ހަދާލައިފި ކަމަށް ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.