ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހޯޖޭ ހެސޫސް އޭނާއަށް ވީ ވައުދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކޯޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ނަމަވެސް، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިއުމަކީ ހެދުނު ގޯހެއް ކަމަށް އެއްބަސްވެ، އަދިވެސް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އުމުރުން 41އަހަރުގެ ރޮނާލްޑޯ ވަނީ ހާމަކޮށްފައެވެ.
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗަށް ފަހު، ކޯޗާ ޖެހުނު މައްސަލަތަކެއްގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށް އެނބުރި ސައުދީ އަރަބިއާއަށް ގޮސްފައެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ފަސް ސަފްހާގެ ބަޔާނެއްގައި ރޮނާލްޑޯ ބުނީ، މިދިޔަ މަހުގެ 27ވަނަ ދުވަހު ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާ ޓީމު ދޫކޮށްލަން ނިންމީ ކޯޗު ހެސޫސް ވީ ވައުދާ ހިލާފުވުމުން ކަމަށެވެ.
ރޮނާލްޑޯ ބުނި ގޮތުގައި އެ މެޗުގެ ފަހު 30މިނެޓުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ދޭނެ ކަމަށް ކޯޗު ބުންޏެވެ. ނަމަވެސް، ހާފްޓައިމުން ފެށިގެން އޭނާ ވޯމްއަޕް ކުރަމުން ދިޔައިރު ވެސް މެޗުގައި ކުޅެން އަރުވާފައެއް ނުވެއެވެ. މީގެއިތުރުން، އެ މައްސަލަ ހައްލުކުރުމަށް މީޑިއާގައި ވަކި ގޮތަކަށް ވާހަކަދެއްކުމަށް ދެމީހުން އެއްބަސްވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވާހަކަދެއްކީ އޭނާއަށް އެއްވެސް އިހުތިރާމެއް ނެތް ގޮތަކަށް ހަރުކަށިކޮށް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. މިއީ ކޯޗު ވައުދާ ހިލާފުވި ދެވަނަ ފަހަރު ކަމަށް އޭނާ ސިފަކުރިއެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ ވަނީ އޭނާގެ މި އަމަލަށް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ.
"ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދެން ކޭމްޕު ދޫކޮށް ދެވުނީތީ. ކޯޗާމެދު އޮތް އިތުބާރު އެއްކޮށް ގެއްލުނު ކަމުގައި ވިޔަސް، އަހަރެން އެކަން ކޮށްގެން ނުވާނެ. އޭގެ ފުރިހަމަ ޒިންމާ ނަގާނީ އަހަރެން އަމިއްލައަށް"ރޮނާލްޑޯ ބުންޏެވެ.
ބަޔާން ނިންމާލަމުން ރޮނާލްޑޯ ބުނީ، އޭނާއަށް ހެދުނު މި ގޯހާ ގުޅިގެން ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާއިން އަޅާ ކޮންމެ ފިޔަވަޅަކާ އަދި ދޭ ކޮންމެ އަދަބަކާ ކުރިމަތިލާން އޭނާ ހުރީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.