ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮނާލްޑޯގެ ގޯލުގެ ރެކޯޑް 980އަށް ވުރެ މައްޗަށް!

ޝެއާ ކުރޭ Facebook Telegram Viber X

އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި އުޒްބެކިސްތާނުގެ ނެފްޗީ ފަރްގާނާއާ ދެކޮޅަށް ސައޫދީ އަރަބިއާގެ އަލް ނަސްރު ކުޅުނު މެޗު ސެކިއުރިޓީ ސަބަބުތަކަށްޓަކައި ގަޑިއިރަކަށް ލަސްވުމަށްފަހު، 3-1އިން ނަސްރު މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 981ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސައޫދީ ސިވިލް ޑިފެންސުން ސެކިއުރިޓީ އެލާޓް ނެރުނީ ޔަމަންގެ ހޫތީން ސައޫދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ރިޔާޟުގެ އަލް އައްވަލް ޕާކުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ސިޓީގެ ތެރެއިން ތިން ގޮވުމެއްގެ އަޑު އިވިގެންދިޔަ ނަމަވެސް، ދަނޑަށް ވަން ސަޕޯޓަރުން ވަނީ ސަފުތަކުގައި މަޑުކޮށްފައެވެ. ސައޫދީ އަސްކަރީ ކޯލިޝަނުން ވަނީ ވައިގެ ތެރޭގައި އޮއްވައި ހޫތީންގެ ދެ މިސައިލް ހަމަލާއެއް ނައްތާލައި، އޭގެ ނުރައްކާ ކަނޑުވާލާފައެވެ. ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފަހު މެޗު ފެށީ ތާވަލުކުރި ގަޑިއަށް ވުރެ ގަޑިއިރެއްހާ އިރު ފަހުންނެވެ.

ސަލާމަތީ ފިޔަވަޅުތަކަށް ފަހު ފެށި މެޗުގެ ފުރަތަމަ ހާފުގައި އާންޖެލޯ ގޭބްރިއެލް ވަނީ ނަސްރަށް ލީޑު ނަގައިދީފައެވެ. އަދި ހާފު ނިމެން އުޅެނިކޮށް އުމުރުން 41އަހަރުގެ ރޮނާލްޑޯ ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ 2023ވަނަ އަހަރުގެ ޖެނުއަރީ މަހު ނަސްރަށް ގުޅުނު ފަހުން ރޮނާލްޑޯ އެޓީމަށް ޖަހައިދިން 134ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ނެފްޗީގެ އަލީޝާ އޮޑިލޯވް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ނެފްޗީގެ އަންވަރްޖޮން ޣޯފުރޯވް އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ނަސްރުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މިއީ ސެޕްޓެމްބަރު 15ގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަލް އައިން އަތުން 4-0އިން ބަލިވި މެޗަށްފަހު، ނަސްރުގެ އާ ކޯޗު އާންޖީ ޕޮސްޓެކޯގްލޫގެ އިރުޝާދުގެ ދަށުން އޭޝިއާގެ މުބާރާތެއްގައި އެޓީމު ހޯދި ފުރަތަމަ މޮޅެވެ.

އީރާނުގެ މަދަދުލިބޭ ހޫތީން ފަހަކަށް އައިސް ސައޫދީއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު، މިދިޔަ ހަފްތާ ބަންދުގައި ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކުގައި 13މީހުން މަރުވެ، 300އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު