ފީފާ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ސައުދީ ޕްރޯ ލީގުގައި އަލްރިޔާދާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައި، 4-0އިން އަލްނަސްރު ބޮޑު މޮޅެއް ހޯދައިފިއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެ، އުމުރުން 41އަހަރުގެ ފޯވާޑް އޭނާގެ ކެރިއަރުގެ 977ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 83ވަނަ މިނެޓުގައެވެ. މިއީ އަލް ނަސްރުން ފުރިހަމަ ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުގެ މައްޗަށް ކުރިހޯދި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި އެންމެ ފަހު ލަނޑެވެ.
އަލް ނަސްރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ އަބްދުﷲ އަލް އަމްރީއެވެ. މީގެ އިތުރުން އެންޖެލޯ ގެބްރިއަލް އާއި ޕޯޗުގަލްގެ ޖާއޯ ފީލިކްސް ވަނީ އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދީފައެވެ. މި ނަތީޖާއާއެކު، ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއި ފައިދާ ހަތް ލަނޑާއެކު ލީގު ތާވަލުގެ އެންމެ ކުރީގައި މިވަގުތު އޮތީ އަލް ނަސްރެވެ. ދެވަނަ މަގާމު ލިބެނީ އަލް ހިލާލަށެވެ.
ލީގުގައި ކުޅުނު އެހެން މެޗަކަށް ބަލާއިރު، އަލް ގަދުސިއާގެ މައްޗަށް އަލް އިއްތިހާދުން ވަނީ އެއް ލަނޑު ސުން ލަނޑުގެ ހަނި މޮޅެއް ހޯދާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯޖް އިލެނިކޭނާ ޖެހި ހަމައެކަނި ލަނޑުން އިއްތިހާދު މޮޅުވިއިރު، ގަދުސިއާގެ ހޫލިއަން ކުއިނޯނޭސް ތިން ފަހަރެއްގެ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އެ ތިން ފަހަރުވެސް އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެއިން އެއްވެސް ލަނޑެއް ބަލައިނުގަންނަން ނިންމާފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިއްތިހާދަށް ކުޅެމުން އައި ސެނެގޯލްގެ ޑިއޮން ލޮޕީއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަނެއްކޮޅުން، މެޗުގެ އެއް ދުވަސް ކުރިން ގަދުސިއާއާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޓިއާނީ ރެއިންޑަރސް ކުޅެން އެރުވި ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.