ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ކްލަސިކް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް، ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކުޅިވަރާ ބެހޭ ވުޒާރާ، ކްލަބް ބިނާރާ، ވިޒިޓް މޯލްޑިވްސް އަދި ކްލަބް ބީސީސީ އިން ކަށަވަރުކޮށްފިއެވެ.
ޖުމްލަ ނަވާރަ ޓީމަކާ އެކު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭގައެވެ.
މުބާރާތުގެ ގްރޫޕް ސީ އަށް ބަލާއިރު، ދިހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ރަނަރަޕް ބިނާރާ ކުއާޓާއަށް ދަތުރުކުރީ ރޭ ޕީއެސްއެމްއާ ދެކޮޅަށް ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ހަމަ އެ ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ދެން އޮތް ބުރަށް ފާސްވީ ތަޢުލީމީ ގުޅުމުގެ މައްޗަށް 3-0އިން ކުރިހޯދައިގެން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުން ދެން ވާދަކުރި އެމްއެމްއޭ ސޯޝަލް ކްލަބަށް ފަސް ޕޮއިންޓް ލިބުނުއިރު، ޕީއެސްއެމް އަށް ހަތަރު ޕޮއިންޓް އަދި ފުލުގައި އޮތް ތަޢުލީމީ ގުޅުމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ގްރޫޕް ޑީއިން ކުއާޓާގެ ޖާގަތައް ހޯދީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ބީސީސީއެވެ. ކުޅުނު ތިން މެޗުންވެ ސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ކުޅިވަރާ ބެހޭ ވުޒާރާއިން ގްރޫޕްގެ އެއްވަނަ ހޯދީ ފައިނޭންސް ރެކްރިއޭޝަން ކްލަބް 3-1އިން ބަލިކުރުމަށް ފަހުއެވެ. ބީސީސީން ކުއާޓާގެ ޖާގަ ޔަގީންކުރީ ދިވަރު ރެކްރިއޭޝަން ކްލަބްގެ މައްޗަށް 9-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ބީސީސީއަށް ހަ ޕޮއިންޓް ލިބުނުއިރު، ގްރޫޕުގެ ތިންވަނައަށް ދިޔަ ފައިނޭންސަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލަށް ދިޔަ ދިވަރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.