ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން، ބ. ކުޑަރިކިލާއި ހއ. ފިއްލަދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓުތަކެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ފަޔާޒެވެ. އަދި ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މެގަލިންކްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާޢީލް ޝާކިރެވެ.
މި އެއްބަސްވުމުގެ ދަށުން، ކޮންމެ ރަށެއްގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން 1،695،503.56 (އެއް މިލިއަން ހަ ލައްކަ ނުވަދިހަ ފަސްހާސް ފަސް ސަތޭކަ ތިން ރުފިޔާ ފަންސާސް ހަ ލާރި)ޚަރަދުވާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މެގަލިންކްސްއާ މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ، އަމަލީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 90ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެ ރަށުގެ ކޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާ ގޮތަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާޙައުލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.