ކުޅިވަރާ ބެހޭ ވުޒާރާއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގުޅިގެން، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އިންޝުއަރެންސް ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ކުޅުންތެރިންނަށް މުސާރަ ނުލިބި އޮތީ ކުޅިވަރާ ބެހޭ ވުޒާރާގެ އުސޫލުތައް ބުނާ ގޮތުން ގައުމީ ފެންވަރުގެ މުބާރާތެއް އެފްއޭއެމްގެ ބެލުމުގެ ދަށުން ނުބޭއްވޭތީއެވެ. ނަމަވެސް، ދާދި ފަހުން ކްލަބް މޯލްޑިވްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން، ކްލަބް މޯލްޑިވްސް ކަޕަކީ ގައުމީ ލެވަލްގެ މުބާރާތެއްގެ ގޮތުގައި ކަނޑައެޅުމުން، މިނިސްޓްރީގެ ޝަރުތުތައް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި މި ކުޅުންތެރިންގެ މުސާރަ ހިމެނިގެންދާނެ ކަމުގެ ޔަގީންކަން ޒަރީރު ވަނީ ދެއްވާފައެވެ.
ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާތާ 20އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ނުލިބޭ މައްސަލަ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ދާދި ފަހުންނެވެ. އެއީ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)އަށް މެޗެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ފަރުވާއަށް ފުރުން ލަސްވެ، އާންމުންގެ އެހީއަށް އެދެން ޖެހުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް، ފަހުން މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ވަނީ އޭނާގެ ފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސައިދީފައެވެ.
މުސާރައިގެ ކަންބޮޑުވުންތަކާ އެކު ވެސް ދިވެހި ފުޓްސަލް ޓީމުން އަންނަނީ ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، ސާފުން މިއަހަރު އަލަށް ތަޢާރަފުކުރި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާޖު ވެސް ކާމިޔާބުކޮށްފައި ވަނީ ދިވެހި ޤައުމީ ޓީމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.