ސާފްއިން އަލަށް ތަޢާރަފުކުރި ފުޓްސަލް މުބާރާތް ކާމިޔާބުކޮށް ސަރަޙައްދުގެ ޗެމްޕިއަންކަން ހޯދާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން، އަންނަ ނޮވެމްބަރު މަހު ޗައިނާގައި ބާއްވާ ބައިނަލްއަޤުވާމީ ފުޓްސަލް މުބާރާތެއްގައި ވާދަކުރަން ނިންމައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މުބާރާތުގައި ޖުމްލަ ހަތަރު ޤައުމަކުން ބައިވެރިވާނެއެވެ. އެއީ މުބާރާތް ހޯސްޓްކުރާ ޗައިނާގެ އިތުރުން ދިވެހިރާއްޖެ، ދެކުނު ކޮރެއާ އަދި ހޮންގްކޮންގް އެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައުންޑް ރޮބިން އުސޫލުން އެއް ބުރުގެ ލީގެއްގެ ގޮތުގައެވެ. އެހެންކަމުން ކޮންމެ ޓީމެއް ވެސް އަނެއް ޓީމާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
ދިވެހި ޓީމުން މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ތާވަލުކުރެވިފައި ވަނީ އަންނަ މަހުގެ 5ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ދުނިޔޭގެ ފުޓްސަލް ރޭންކިންގގެ 66ވަނައިގައި އޮތް ދެކުނު ކޮރެއާއަކީ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އަދި ރޭންކިންގ އެންމެ މަތީ ޓީމެވެ. އޭގެ ފަހުން، ނޮވެމްބަރު 7ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ރޭންކިންގގެ 118ވަނައިގައި އޮތް ހޮންގްކޮންގް އާ ދެކޮޅަށެވެ. މިއީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖެއަށް ވުރެ ރޭންކިންގ ދަށް ހަމައެކަނި ޤައުމެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނޮވެމްބަރު 9ވަނަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ޗައިނާއާއެވެ. ދުނިޔޭގެ ރޭންކިންގގައި ޗައިނާ 84ވަނައިގައި އޮތްއިރު، ދެކުނު އޭޝިއާގެ ފުޓްސަލްގެ އެންމެ ކާމިޔާބު ޤައުމު ކަމަށްވާ ދިވެހިރާއްޖެ އޮތީ ރޭންކިންގގެ 99ވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.