އަންނަ ނޮވެމްބަރު މަހުގެ 4އިން 9އަށް ޗައިނާގެ އިންޗުއާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފުޓްސަލް ޓޯނަމެންޓުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ތައްޔާރީތައް ފަށައިފިއެވެ.
މިއީ މި އަހަރުގެ ތެރޭގައި ގައުމީ ފުޓްސަލް ޓީމުން ކުރިމަތިލާ ދެވަނަ މުބާރާތެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއާއި ދެކުނު ކޮރެއާ އަދި ހޮންކޮންގް ބައިވެރިވާނެއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު 5ވަނަ ދުވަހު ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އެއަށްފަހު ނޮވެމްބަރު 7ގައި ހޮންކޮންގާ ދެކޮޅަށް ރާއްޖެ ކުޅޭއިރު، ފަހު މެޗުގައި ނޮވެމްބަރު 9ގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
މި މުބާރާތުގައިވެސް ދިވެހި ޓީމުގެ ކެޕްޓަންކަން ކުރާނީ އެފްއޭއެމް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އިމްރާން (އިންމި)އެވެ. މިއަހަރުގެ ޖެނެއަރީ މަހު ބޭއްވި ދެކުނު އޭޝިއާގެ ފުޓްސަލް މުބާރާތް ސައްތައިން ސައްތަ ރެކޯޑަކާ އެކު ރާއްޖެއިން ކާމިޔާބުކުރިއިރު، އިންމި ވަނީ ނުވަ ލަނޑު ޖަހައިގެން އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
ކުޅިވަރު ތަޖުރިބާކާރުން ދެކޭގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކަށްވުރެ ޗައިނާއާއި ދެކުނު ކޮރެއާ އަދި ހޮންކޮންގުގެ ފުޓްސަލް ޗެލެންޖް ބޮޑުވާނެއެވެ. އެހެންކަމުން މިއީ އޭޝިއާގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ކުޅެ ދިވެހި ޓީމުގެ ފެންވަރު ވަޒަންކޮށްލުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.