ޗައިނާގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކަށް ފުރުމުގެ ކުރިން، ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވެ ހުރި ސޮބާހް މުހައްމަދު (ސޮބާ)، ގައުމީ ޓީމަށް ހިދުމަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް ބުނެފިއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ސްޓާފެއްގެ ހައިސިއްޔަތުން ސީނިއާ އަދި ޔޫތު ޓީމުތަކަށް އެހީތެރިވުމަކީ ފަޚުރެއްކަން ފާހަގަކުރަމުން ސޮބާ ބުނީ، މި ފަހަރުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޑް ކޯޗު އިސްތަވާން އުރުބާނީއާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުން ކަމަށެވެ. އުރުބާނީއަކީ ކުރިން ވެސް ސޮބާއާ ގާތް ގުޅުމެއް އޮންނަ، އަދި ކުޅުންތެރިންނާ ވެސް ރައްޓެހި މިޒާޖެއް ގެންގުޅޭ ކޯޗެއްކަން ފާހަގަކޮށް، ޓީމުގެ ރޫހު ވަރުގަދަކޮށް ކޯޗާ އެކު އެއް މިސްރާބަކަށް ދިއުމަށް ރާވާފައިވާކަމަށް އޭނާ ހާމަކުރިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހެޑް ކޯޗު އުރުބާނީ ބުނެފައިވަނީ، ސޮބާއަށް އެސިސްޓެންޓް ކޯޗުގެ މަގާމު ދިނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގިނަ ކަންތައްތަކަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ސޮބާ ފާހަގަކުރި ގޮތުގައި، ކޯޗިންގ ޓީމާއި އެފްއޭއެމްގެ އަމާޒަކީ ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން މުޅިން އާ ހަރުފަތަކަށް ގެންދިއުމެވެ. އަދި މިއީ ހަމައެކަނި ދަނޑުމަތީގައި ކުރެވޭނެ ކަމެއް ނޫންކަން ވެސް އޭނާ ބުންޏެވެ.
ދިވެހިރާއްޖެއިން 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ސޮބާއަކީ ކޯޗިންގ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މީގެ ކުރިން އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާއި، 17އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަމުގެ އިތުރުން 23އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އޭނާ ކޮށްފައިވެއެވެ. އޭގެ އިތުރުން ކްލަބް ލެވެލްގައި ނިއު ރޭޑިއަންޓް، ވެލެންސިއާ، ވިކްޓަރީ އަދި ގްރީން ސްޓްރީޓްސް ފަދަ ނަން މަޝްހޫރު ޓީމުތަކަށް ވެސް ސޮބާ ވަނީ އިރުޝާދުދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.