ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ޗައިނާއާއި ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެކުލަވާލި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ޓީމުގެ ނަތީޖާއަށް ފާޑުކިޔަންވާނީ މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ގައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އުރުބާނީ ނޫސްވެރިންނާ ވާހަކަދައްކަމުން ހާމަކުރި ގޮތުގައި، މި ފަހަރުގެ ދަތުރުގައި ގައުމީ ޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، އަނިޔާގެ މައްސަލަތަކާ ހެދި ބައެއް މުހިންމު ކުޅުންތެރިންނަށް ޓީމާ ދުރަށްދާން ޖެހިފައިވާއިރު، ސްކޫލު އިމްތިހާނުތަކުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އަދި އާއިލީ ކަންކަމާ ގުޅިގެން ސީނިއާ ބައެއް ކުޅުންތެރިންނަށް ވަނީ މި ފަހަރުގެ ސްކޮޑުން ޖާގަ ގެއްލިފައެވެ.
މިފަދަ ދަތި ދަނޑިވަޅެއްގައި އުރުބާނީގެ އެންމެ ބޮޑު އަމާޒަކީ، ގައުމީ ޖާޒީގައި އަލަށް ނުކުންނަ ކުޅުންތެރިންގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެން ދިއުމެވެ. ރާއްޖޭގައި އެންމެ ފަރިތަކުރުމެއް ކުރިއަށް ގެންދިއުމަށް ފަހު ގައުމީ ޓީމު މިއަދު ފުރާފައިވާއިރު، ފުރަތަމަ މެޗުގައި މި މަހުގެ 24ވަނަ ދުވަހު ޗޮންގްޖިންގައި ނުކުންނާނީ ވަރުގަދަ ޗައިނާއާ ދެކޮޅަށެވެ. އޭގެ ފަހުން ކިރްގިސްތާނުގެ ބިޝްކެކަށް ދަތުރުކޮށް މި މަހުގެ 28ވަނަ ދުވަހު އެ ގައުމާ ދެކޮޅަށް ކުޅުމަށް ފަހު، އަންނަ މަހުގެ ފުރަތަމަ ދުވަހު ވާދަކުރާނީ ލެބަނަންއާއެވެ.
ނަތީޖާ ނެރުމަށް ސަމާލުކަން ނުދެނީތޯ ނޫސްވެރިއަކު ކުރި ސުވާލަށް ރައްދުދެމުން ހަންގޭރީގެ ކޯޗު ބުނީ، މެޗުތަކުން ބަލިވުމަކީ އޭނާ ދުވަހަކު ވެސް އެދޭނެ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، ނަތީޖާއަށް އަމާޒުކޮށްގެން ކުޅޭ ނަމަ އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއި އެހީތެރިކަން ލިބެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ ތެރޭގައި ފެންވަރު ރަނގަޅު ފިޓްނަސް ކޯޗެއް ހޯދުމާއި، ރާއްޖެއިން ބޭރުގައި ކުޅޭ ކުޅުންތެރިން ޓީމަށް ގެނައުން ހިމެނޭކަމަށް އޭނާ ބުންޏެވެ. އަދި މިފަދަ ނިންމުންތައް ނިންމުމަށް ޓަކައި ހަރުދަނާ ޓެކްނިކަލް ކޮމިޓީއެއް އޮތުމުގެ މުހިންމުކަން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ކުރީކޮޅު ތިންވަނަ ފަހަރަށް ގައުމީ ޓީމުގެ ކޯޗުކަމާ އުރުބާނީ ހަވާލުވި ފަހުން، ރާއްޖެއަށް ކާމިޔާބީއެއް ހޯދިފައިވަނީ ހަމައެކަނި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ޒުވާން ޓީމުތަކާއި ސީނިއާ ޓީމަށް ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި 20އަހަރުން ދަށުގެ މުބާރާތުގައި ގްރޫޕުގެ ފުލަށް ދިއުމާއި، ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައި ޕާކިސްތާން އަތުން ފުރަތަމަ ފަހަރަށް ބަލިވުން ފަދަ ހިތްދަތި ނަތީޖާތައް ވެސް ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.