ފީފާ ޑޭސްއާ ދިމާކޮށް ޗައިނާ، ކިރްގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގައުމީ ކޯޗު އިސްތަވާން އުރްބާނީ، ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅުމަކީ ދިވެހި ޓީމު އަލުން ބިނާކޮށް ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައިފިއެވެ.
މިއަދު ހަވީރު ޗައިނާއަށް ފުރާ ގައުމީ ޓީމަށް މި ދަތުރުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރައްވަމުން ގެންދަވާ ހަންގޭރީގެ ކޯޗު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ވިސާގެ މައްސަލަތަކާއި، ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާގެ އިތުރުން ތައުލީމީ އިމްތިހާނުތަކުގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ޓީމާ ދުރަށްދާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އަނިޔާގައި ހުރި ޒުވާން ފޯވާޑް މުޙައްމަދު އިލާން އިމްރާންއާއި އިމްތިހާނު އޮތުމުގެ ސަބަބުން ކޭމްޕް ދޫކޮށްލި އީތަން އިބްރާހީމް ޒަކީ އަދި ނައްސާހު އިބްރާހިމް ނާސިރުގެ އިތުރުން ޓީމުގެ މުހިންމު އެހެން ބައެއް ކުޅުންތެރިން ވެސް ހިމެނެއެވެ.
ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކުގައި ރާއްޖެއަކީ ފޭވަރިޓުން ނޫންކަމަށް އިއުތިރާފުވެވަޑައިގަންނަވަމުން އުރްބާނީ ވިދާޅުވީ، ހަމައެކަނި ވަގުތީ ނަތީޖާއަކަށް އަމާޒު ހިފުމުގެ ބަދަލުގައި މުޅި ފުޓްބޯޅަ އާއިލާ ގުޅިގެން ދިގު މުއްދަތުގެ ހަރުދަނާ ޕްލޭނެއް އެކުލަވާލަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ކުޅުންތެރިން ތަމްރީނުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާއި، ގައުމީ ޓީމުގެ ބެކްއަޕް ސްޓާފުން އިތުރުކުރުމުގެ އިތުރުން ރާއްޖެއިން ބޭރުގައި ކުޅެމުންދާ ހުނަރުވެރި ކުޅުންތެރިން ޓީމަށް ގެނައުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަތީޖާއަށް ވުރެ ރީތި ކުޅުމަކަށް ކޯޗު އިސްކަންދޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން އުރްބާނީ ވިދާޅުވީ، ކޮންމެ މެޗަކުން ވެސް މޮޅުވުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ނަމަވެސް، މެޗެއްގެ ނަތީޖާ ބިނާވަނީ ދަނޑުމަތީގައި ދައްކާ ކުޅުމާއި ފަރިތަކުރުންތަކުގެ މައްޗަށް ކަމަށްވާއިރު، އެ ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން، މިހާރު ފެންނަމުންދަނީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދިފަދަ ވަރުގަދަ ޓީމެއް ނޫން ކަމަށާއި، މިއީ އުމުރުން 30އަހަރުން މަތީގެ ކުޅުންތެރިންނާއި 20އަހަރުން ދަށުގެ ކުޅުންތެރިން ގުޅުވައިގެން އަލުން ބިނާކުރަމުން އަންނަ ސްކޮޑެއްކަން ކޯޗު ހާމަކުރެއްވިއެވެ.
ފީފާ ބްރޭކްގައި ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ފުރަތަމަ ކުރިމަތިލާން ޖެހޭނީ މި މަހުގެ 24ވަނަ ދުވަހު ޗައިނާއާއެވެ. އެއަށްފަހު މި މަހުގެ 28ގައި ދުނިޔޭގެ ރޭންކިންގެ 106ވަނައިގައި އޮތް ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ބައްދަލުކުރާނީ ރޭންކިންގެ 107ވަނައިގައި އޮތް ލުބުނާނާއެވެ. މި މެޗުތަކަކީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް، ކުރިމަގުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުމަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއްކަމަށް އުރްބާނީ ވަނީ ސިފަކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.