ކިރްގިސްތާނުގެ ބިޝްކެކުގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި، މެޗުގެ ކުރީކޮޅު ކެޕްޓަން ސަމޫހު އަލީއަށް ދެއްކި ރަތް ކާޑާއެކު 10ކުޅުންތެރިންނާއެކު ކުޅެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން 6-0ގެ ބޮޑު ތަފާތަކުން ލުބުނާނު އަތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ބަލިވެއްޖެއެވެ.
މި ފަހަރުގެ ބްރޭކުގައި ކުޅުނު ތިންވަނަ އަދި އެންމެ ފަހު މެޗުގައި ރާއްޖެއަށް ފެށުން ދިޔައީ ވަރަށް ގޯސްކޮށެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހުސައިން ޗަކްރޯން ވަނީ ލުބުނާނަށް ކުރިހޯދަދީފައެވެ. އޭގެ އަށް މިނެޓު ފަހުން، ލުބުނާނުގެ ލެއޮނާޑޯ ޝާހީނަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)އަށް ސީދާ ރަތް ކާޑެއް ދެއްކުމުން، މެޗުގެ ބޮޑުބައި ރާއްޖެއިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ލުބުނާނުން ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި 36ވަނަ މިނެޓުގައި ޖިމޭ ކަޒާން ފޮނުވާލި ބޯޅައެއް ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން ލަނޑާއި، 42ވަނަ މިނެޓުގައި ޗަކްރޫން ޖެހި އޭނާގެ ދެވަނަ ލަނޑު ހިމެނެއެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި، ރާއްޖޭގެ އަހުމަދު މާއިޝް ރަޝީދު އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، މެޗުގެ ފަހުކޮޅު އަދި އިތުރު ވަގުތުގައި އަލީ ކައްސާސް ވަނީ ލުބުނާނަށް އިތުރު ދެ ލަނޑު ޖަހައިދީ ނަތީޖާ 6-0އަށް ބަދަލުކޮށްލާފައެވެ.
މި ނާކާމިޔާބީއާއެކު، މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކް ރާއްޖެއިން ނިންމާލީ އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ޗައިނާ އަތުން 3-0އިން އަދި ކިރްގިސްތާން އަތުން 5-0އިން ބަލިވެފައިވާއިރު، މި ތިން މެޗުގައި ރާއްޖެ ކޮޅަށް ޖުމްލަ 14ލަނޑު ވަނީ ވަދެފައެވެ. މީގެ އިތުރުން މިއީ ލުބުނާނާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވި ހަވަނަ މެޗެވެ. މިހާތަނަށް އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ލުބުނާނުން 21ލަނޑު ޖަހާފައިވާއިރު ރާއްޖެއަށް ޖެހުނީ އެންމެ ތިން ލަނޑެވެ.
ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު 10މެޗުގެ ތެރެއިން ރާއްޖެއަށް ކާމިޔާބީއެއް ހޯދިފައިވަނީ ހަމައެކަނި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަނެއް ނުވަ މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.