ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސޮބާ މަގާމާ ހަވާލުވީ އުރުބާނީއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން!

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ މައި ކޯޗު އިސްތަވާން އުރުބާނީއާއެކު ކުރިން ކޮށްފައިވާ ތަޖުރިބާގެ އަލީގައި އޭނާއަށް ކުރާ ފުރިހަމަ އިތުބާރުގެ ސަބަބުން، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ސޮބާހު މުހައްމަދު ހަވާލުވެއްޖެކަން ހޮނިހިރު ދުވަހުގެ ރޭ ގައުމީ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ސޮބާހު ހާމަކުރި ގޮތުގައި، ގައުމީ ސީނިއާ ޓީމުގެ ބެންޗުން ޖާގަ ހޯދުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒަށް ނުވި ނަމަވެސް، ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އުރުބާނީގެ ހުށަހެޅުމަށް ފުރަގަސްދޭން އޭނާ ބޭނުން ނުވީއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅެފައިވުމުން، އެ ދެމެދުގައި އޮފެދިފައިވާ ގާތް ގުޅުމާއި ފުން އިތުބާރަކީ މި މަސްއޫލިއްޔަތާ ހަވާލުވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބުކަމަށް އޭނާ ފާހަގަކުރިއެވެ. 

ފީފާގެ ބައިނަލްއަގުވާމީ މެޗުތަކަށް ހާއްސަ ދުވަސްވަރާ ދިމާކޮށް ގައުމީ ޓީމުން ތިން މެޗެއް ކުޅުމަށް ތައްޔާރުވަމުންދާއިރު، ގައުމީ ދަނޑުގައި މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ސޮބާހުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތިން މެޗުގެ އިތުރުން ސާފް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކުރުމެވެ. ނަމަވެސް ސާފް މުބާރާތަށް ފަހު އެ މަގާމުގައި ދެމިހުންނާނެކަން އަދި ކަށަވަރުނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. 

ރާއްޖޭން 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ސޮބާހަކީ ކޯޗިންގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޓީމުގައިވެސް ހަރަކާތްތެރިވާ ސޮބާހު ވަނީ މީގެ ކުރިން އަންހެން ގައުމީ ޓީމަށާއި ތަފާތު އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް އިރުޝާދުދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު