ދިވެހި ލީގުގެ މެޗުތައް ބަލަން ދަނޑަށް ހަގީގީ ސަޕޯޓަރުން ނުދާ ކަމަށާއި، ދަނޑުން ފެންނަނީ ހަމައެކަނި ކުޅުންތެރިންގެ އާއިލާތަކާއި ރައްޓެހިން އެކަނި ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭނާ މިހެން ބުނީ ރާއްޖޭގެ ފުޓްބޯޅައަށް 75އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައެވެ.
އުރުބާނީ ހާމަކުރި ގޮތުގައި، ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ދަނޑުމަތީގެ ހަރަކާތްތަކާއި ދަނޑުން ބޭރުގެ ކަންކަން ވަރަށް ބޮޑަށް އޮބްޒާވްކޮށްފައެވެ. މި މުއްދަތުގައި ފާހަގަވި އެންމެ ހިތާމަވެރި އަދި އެންމެ ބޮޑު ކަމަކީ ދިވެހި ފުޓްބޯޅައިގެ ފޯރި ކުޑަވެ، މެޗުތައް ބަލަން ސަޕޯޓަރުން ނާންނަ މައްސަލަ ކަމަށް އޭނާ ބުންޏެވެ. މިއީ ފުޓްބޯޅައިގެ ކުރިމަގާ މެދު އޮތް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކޯޗު ފާހަގަކުރިއެވެ.
މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝްގެ 23އަހަރުން ދަށުގެ ޒުވާން ޓީމާ ވާދަކޮށް ރާއްޖެ 1-1އިން އެއްވަރުވިއިރު، މިއީ މުޅި މުބާރާތުން ވެސް ރާއްޖެއަށް ލިބުނު ހަމައެކަނި ޕޮއިންޓެވެ. ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާން އަތުން 1-0އިން އަދި ޕާކިސްތާން އަތުން 3-0އިން ބަލިވެފައި އޮތުމުން، ފަހު މެޗަށް ނުކުތްއިރު ވެސް ރާއްޖެ އޮތީ މުބާރާތުން ކަޓައި، ފައިނަލުގެ ދޮރު ބަންދުވެފައެވެ.
ރާއްޖެއާ އެއްވަރުވުމުން ބަންގްލަދޭޝްއަށް ވެސް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ. ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާނާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަރުވި ބަންގްލަދޭޝްއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. ނަމަވެސް އެއްވަރުވުމުން ތިން ޕޮއިންޓާ އެކު ތާވަލުގެ ތިންވަނަ ލިބިގެން އެ ޓީމު ކެޓީއެވެ. މި ނަތީޖާއާއެކު ފައިނަލުގެ ފަހު ޖާގަ އަފްގާނިސްތާނަށް ލިބުނުއިރު، ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޕާކިސްތާނުންނެވެ. ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ ތާވަލުގެ އެންމެ ފުލުގައި އޮވެގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.