އަންނަ ހޯމަ ދުވަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ އަފްޣާނިސްތާން ޓީމަކީ ޔޫރަޕުގެ ތަޖުރިބާލިބިފައިވާ ކުޅުންތެރިން ގިނަ، ވަރުގަދަ ޓީމެއް ކަމަށާއި އެއީ ރާއްޖެއަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއްކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.
އުރުބާނީ ބުނީ، އަފްޣާނިސްތާނުގެ މިހާރުގެ ސްކޮޑަކީ ވަރަށް ވަރުގަދަ އަދި ބަދަލުވެފައިވާ ޓީމެއް ކަމަށެވެ. އެގޮތުން އެ ޓީމުގައި ހިމެނެނީ އެ ގައުމުގެ ލޯކަލް ލީގުތަކަށް ކުޅޭ އެންމެ ދެ ކުޅުންތެރިން ކަމަށާއި، ބާކީ ތިބި ހުރިހާ ކުޅުންތެރިންނަކީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންކަން އޭނާ ފާހަގަކުރިއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު، ސްވިޑަން، ނޯވޭ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެއެވެ.
"އަހަންނަށް އެނގިފައިވާ ގޮތުގައި މި މުބާރާތަށް އަފްޣާނުން އެކުލަވާލި ސްކޮޑުގައި އެންމެ ދެ ކުޅުންތެރިން ހިމެނެނީ ލޯކަލް ލީގުތަކުގައި ކުޅޭ. އެހެން ހުރިހާ ކުޅުންތެރިން އެ ކުޅެނީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުގައި. އިނގިރޭސިވިލާތާއި ޖަރުމަނާއި ސްވިޑަންއާއި ނޯވޭއާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ އެކި ޑިވިޝަންތަކުގައި. އެހެންވީމަ އެމީހުންގެ ސްކޮޑަކީ އިންޓަނޭޝަނަލް ސްކޮޑެކޭ ވެސް ބުނެވޭނެ، ތަފާތު މައިންޑްސެޓެއްގެ. ވަރަށް ބޭނުން ބަލާލަން އަހަރުމެންނަށް އެ މީހުންނާ ދެކޮޅަށް ޕާފޯމް ކުރެވޭ މިންވަރު" ކޯޗު އުރުބާނީ ބުންޏެވެ.
އަފްޣާނިސްތާނަކީ މިހާރު ސާފްގެ މެމްބަރު ގައުމެއް ނޫންކަން ފާހަގަކުރަމުން އުރުބާނީ ބުނީ، އެ ގައުމަކީ 2005ވަނަ އަހަރު ސާފްއާ ގުޅުމަށް ފަހު 2013ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތް ކާމިޔާބުކުރި ގައުމެއް ކަމަށެވެ. ނަމަވެސް، 2015ވަނަ އަހަރު އެ ގައުމުން ވަނީ ސާފްއިން ވަކިވެ، ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ)އާ ގުޅިފައެވެ. އެ ގައުމަކީ ކަފާގެ ފައުންޑިން މެމްބަރެއް ވެސް މެއެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. މުބާރާތުގެ ދެވަނަ މެޗުގެ ގޮތުގައި ކުޅޭ މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 21:00ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މި މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރުގެ ހައިސިއްޔަތުން ޕީއެސްއެމް އިން ހުރިހާ މެޗެއް ވަގުތުން ދައްކާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.