ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ފައިނަލަށް ދިއުމުގެ ފުރުސަތު ބަންގްލަދޭޝްއަށް ގެއްލިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓަކީ މި މުބާރާތުގައި ރާއްޖެއަށް ލިބުނު ހަމައެކަނި ޕޮއިންޓެވެ. މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ބަންގްލަދޭޝްއަށް މި ނަތީޖާއާއެކު ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
މެޗުގެ ކުރީކޮޅު ބަންގްލަދޭޝްއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރާއްޖެއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އަޙްމަދު އައިހަމް ދިން ރީތި ތުރޫ ޕާހަކުން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން އަބްދުﷲ ލޫތު އިބްރާޙިމްއަށް ބަންގްލަދޭޝްގެ ޕްރޮނޯއީ އެނޮސެންޓް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ލިބުނު ޕެނަލްޓީއެކެވެ.
ރާއްޖެ ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ރާއްޖޭގެ އޭރިއާ ތެރެއިން އަމްދާން އަލީގެ އަތުގައި ބޯޅަ ޖެހުމުން ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކުން މިރަޖުލް އިސްލާމް ކާމިޔާބުކުރި ލަނޑެކެވެ. ހޫނުގަދަވި މި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ ތިން ރަތް ކާޑު ފެނުނެވެ. އެގޮތުން ބަންގްލަދޭޝްގެ ޓީމު މެނޭޖަރަށާއި، ލަނޑު ޖެހި މިރުޖުލްގެ އިތުރުން އަލް އަމީނަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.
މި މެޗަށް ނުކުތްއިރު ވެސް ރާއްޖެ އޮތީ މުބާރާތުން ކަޓާފައެވެ. ފުރަތަމަ މެޗުގައި އަފްޣާނިސްޠާން އަތުން 0-1އިން އަދި ދެވަނަ މެޗުގައި ޕާކިސްތާން އަތުން 0-3އިން ރާއްޖެ ވަނީ ބަލިވެފައެވެ. ލީގު ބުރު ނިމުނުއިރު ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނަ ހޯދީ ޕާކިސްތާނެވެ. އަދި ހަތަރު ޕޮއިންޓާ އެކު ދެވަނަ ހޯދި އަފްޣާނިސްޠާން ވެސް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ބަންގްލަދޭޝް ތިން ޕޮއިންޓާ އެކު ތިންވަނައިގައި އޮތްއިރު، ރާއްޖެ މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10ވަނަ ދުވަހުގެ ރޭ 21:00ގައެވެ. ފައިނަލްގައި ބައްދަލުކުރާނީ ޕާކިސްތާނާއި އަފްޣާނިސްޠާނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.