ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް" ރާއްޖޭގެ ގައުމީ ޓީމުން ބަލިވުމަކުން ފަށައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ވާދަކޮށް ރާއްޖެ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
މިއީ ރާއްޖޭގެ މައްޗަށް އަފްގާނިސްތާނުން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. އަދި މިއީ 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ތިންވަނަ ހޮވި މެޗުގައި އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވި ފަހުން، މި ދެ ގައުމު ރާއްޖޭގެ ފަސްގަނޑުގައި ބައްދަލުކުރި ފުރަތަމަ މެޗު ވެސް މެއެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަލުވި ކުޅުމެއް ފެނުނުއިރު، އަފްގާނިސްތާނުގެ އޮމިދު މުސާވީއާއި އަމީން ނަބީޒާދާ ވަނީ ރާއްޖޭގެ ޑިފެންސް ލައިނަށް ވަރަށް ބޮޑަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ ހުޝިޔާރުކަމާ އެކު ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ވިއްސާރައިގެ ތެރޭގައި ކުޅުނު ދެވަނަ ހާފުގައި ރާއްޖޭގެ އެޓޭކް ވަރުގަދަކުރުމަށް އަލީ ފާސިރު (ސެންޓޭ)އާއި ނާއިޒު ހަސަން (ދާދު) އަދި ނައްސާހު އިބްރާހިމް ނާސިރު ކުޅެން އެރުވިއެވެ.
މި ބަދަލުތަކާ އެކު ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނާއި، އަހުމަދު އައިހަމް (ފަތޯ) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ)އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ހަމަލާތައް ނިންމާނުލެވުމުގެ ސަބަބުން ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ. މެޗުގެ ހަމައެކަނި ލަނޑު 80ވަނަ މިނެޓުގައި ފެނުނީ ރާއްޖޭގެ އޭރިއާ ތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އަފްގާނިސްތާނުގެ ކެޕްޓަން އޯމިދް ޕޮޕަލްޒޭ ބޮލުން ދިން ބޯޅަ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފޯވާޑް ރޯމަން ފާޒީ ވަނީ އެއްފަހަރުން ޖަހާ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.
މި ލަނޑަށް ފަހު ރާއްޖޭގެ ތާރީހީ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅެދިން 100 ވަނަ މެޗެވެ. މިއާ އެކު އޭނާ ވެގެންގޮސްފައި ވަނީ ކުރީގެ ކީޕަރު އިމްރާން މުހައްމަދަށްފަހު ގައުމީ ޓީމަށް 100 މެޗު ހަމަކުރި ދެވަނަ ކުޅުންތެރިޔާއަށެވެ. ފީފާ ރޭންކިންގެ 169 ވަނައިގައި އޮތް އަފްގާނިސްތާން އަތުން 172 ވަނައިގައި އޮތް ރާއްޖެ ބަލިވި ނަމަވެސް، މުޅި މެޗަށް ބަލާއިރު ގައުމީ ޓީމުން ވަނީ ރަނގަޅު ހިތްވަރެއް ލައި ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ.
ޖުމްލަ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ނިމުނީ 0-0އިން އެއްވަރުވެގެންނެވެ. މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ހަވީރު 4:00ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އެ ރޭ ކުޅޭ މެޗުގައި އަފްގާނިސްތާނާއި ޕާކިސްތާން ބައްދަލުކުރާނެއެވެ. ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައި ވަނީ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.