ދިވެހި ފުޓުބޯޅައަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް"މާދަމާ ފެށުމަށް ތައްޔާރުވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު މިއަދު އިއުލާނުކޮށްފިއެވެ. ހެޑް ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ނުކުންނަ ރާއްޖޭގެ ޓީމުގައި ހިމެނެނީ 23ކުޅުންތެރިންނެވެ. މި މުބާރާތަށް ތައްޔާރުވުމަށް 32ކުޅުންތެރިންގެ ވަގުތީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ.
ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ޖާގަ ގެއްލުނީ ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ)އާއި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ)އަށެވެ. މި ދެ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ނުލިބުނީ ސީޒަން ނިމުނު ފަހުން ކުޅުނު މުބާރާތެއްގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވިފައި ނުވާތީއެވެ.
މީގެ އިތުރުން ޒުވާން ގައުމީ ޓީމުގައި ހިމޭނޭ ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ އާއި، އަޙްމަދު މާއިޝް ރަޝީދާއި، އަޙްމަދު ރިޒްވާން (ރިޒޭ)ގެ އިތުރުން ޙަސަން ރާއިފް (ހަންނަ)އަށް ވެސް ފައިނަލް ސްކޮޑުން ޖާގައެއް ނުލިބުނެވެ. އަދި މުޙައްމަދު އަޝްވާން، މުޙައްމަދު ނައިސަމް ނަސީމް، މުޒްދާން ޙަސަން އަދި ޒުވާން ޓީމުގެ ގޯލްކީޕަރު ޒަޙްރާން ޙަސަން ޒިޔާދު ވެސް ވަނީ ސްކޮޑުން ބާކީވެފައެވެ. ނަމަވެސް، ފުރަތަމަ އެކުލަވާލި ވަގުތީ ސްކޮޑުގައި ނުހިމެނޭ ޙަސަން އީނާޒް އަށް ވަނީ ފައިނަލް ސްކޮޑުން ފުރުސަތު ދީފައެވެ.
މާދަމާއިން ފެށިގެން މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްޠާން އަދި ޕާކިސްތާން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތް ހުޅުވާ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއް މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރު، ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދައްކާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.