މާދަމާ ފެށުމަށް ތައްޔާރުވަމުންދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކޭމްޕުކޮށްފިއެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ގައުމުގެ ޓީމުވެސް މިހާރު ތިބީ ބާސެލޯ ނަސަންދުރައިގައި ކޭމްޕުކޮށްގެންނެވެ. މުބާރާތުގައި ބައިވެރިވާ ބޭރުގެ ޓީމުތައް ރާއްޖެ އައިސްފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައެވެ.
އެގޮތުން އަފްޣާނިސްތާން ޓީމު އިއްޔެ ހެނދުނު ރާއްޖެ އައިސްފައިވާއިރު، ބަންގްލަދޭޝްއާއި ޕާކިސްތާން ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ 21:00 ގައި ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ނުކުންނަ ރާއްޖޭގެ ސްކޮޑުން ތަފާތު ބަދަލުތަކެއް ފެނިގެންދެއެވެ. މި ފަހަރުގެ ސްކޮޑުގައި 30 އަހަރުން މަތީގެ ތަޖުރިބާކާރު ކުޅުންތެރިންނާއި 20 އަހަރުން ދަށުގެ ގިނަ ޒުވާން ކުޅުންތެރިންތަކެއް ވަނީ ހިމަނައިފައެވެ. ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާޤް (ދަގަނޑޭ) އާއި، އަލީ ފާސިރު (ސެންޓޭ) އާއި، އަމްދާން އަލީ (އޭންޑީ) ގެ އިތުރުން އަޙްމަދު އަބްދުﷲ (ލިލީ) ހިމެނެއެވެ.
މީގެ އިތުރުން ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު އަދި ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.