ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2026"ގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނަށް ހާއްސަކޮށްގެން، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި ކުރިއަށްދިޔަ މި ސެޝަންގައި އުރްބާނީ ވަނީ ފުޓްސަލް މުބާރާތްތަކުގެ ބޭނުން ހިފައިގެން ހުނަރުވެރި ކުޅުންތެރިން ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަައިފައެވެ. މީގެ އިތުރުން، އެފަދަ ކުޅުންތެރިން ތަމްރީނުކުރުމަށް ގެންގުޅޭ ސްޓްރެޓީޖިކް ތަސައްވުރު ވެސް އޭނާ ވަނީ ކޯޗުންނާ ހިއްސާކޮށްފައެވެ.
ކުލަބު މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު އިތުރަށް ވަރުގަދަކުރުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފެށުނު މުހިންމު ދަތުރެއްގެ ފެށުމެކެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ފެށުމުގެ ކުރިން އެފްއޭއެމްއާއި ކްލަބް މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން އިންތިޒާމުކުރާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތަކީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކެކެވެ.
ދިވެހި ފުޓްސަލްގެ ތާރީހުގައި އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބާއްވާތާ 20ވަނަ އަހަރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.