ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އަފްޣާނިސްތާނު އަތުން 1-0އިން ރާއްޖެ ބަލިވި ނަމަވެސް، ކުޅުންތެރިންގެ ކިބައިން ފެންނަމުންދާ ކާމިޔާބީގެ ރޫހަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.
އޭނާ ބުނީ މެޗުން ބަލިވި ނަމަވެސް ޓީމު މާޔޫސްނުވާ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެންނަނީ ކުރިއަށްދާން ކުރާ މަސައްކަތް ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން އުރްބާނީ ފާހަގަކުރީ މެޗުގައި ރާއްޖެއިން ދެއްކި ކުޅުން ގޯސް ނޫން ކަމަށެވެ. އަދި ޓީމުގެ ތެރޭގައި ހުރި ޕޮޒިޓިވް ކަންކަމުގެ ސަބަބުން އޭނާއަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް ބުންޏެވެ.
"ކުޅުންތެރިންގެ ފަރާތުން އަހަންނަށް ފެނުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފައިނަލުގައި ކުޅެވޭނެ ގޮތަކާ މެދު ޓީމުގެ މެދުގައި ކުރެވެމުންދާ މަޝްވަރާތައް. ކާމިޔާބު ހޯދުމުގެ ރޫހުގެ ޓީމުގައި އޮތްކަން. އަމާޒެއް ކަނޑައަޅާ އެކަމަށް ކުޅުންތެރިން ކުރަމުންދާ މަސައްކަތް" ކުޅުންތެރިންނަށް ތައުރީފުކުރަމުން ކޯޗު ބުންޏެވެ.
މި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުގެ ކޮލިޓީއާ ބެހޭގޮތުން ވާހަކަދައްކަމުން އުރްބާނީ ބުނީ، ފުޓުބޯޅައިގައި ވަކި ވަރުގަދަ ޓީމެއް ނޯންނާނެ ކަމަށާއި ކޮންމެ ޓީމެއް ވެސް ހާއްސަ ވަނީ ތަފާތު ސިފަތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އަފްޣާނިސްތާނުގެ ކުޅުން ރަނގަޅު ނަމަވެސް، ބަނގްލަދޭޝް ޓީމުގެ ފަރާތުން އިތުރު ކޮލިޓީތަކެއް ފެނުނު ކަމަށް އޭނާ ބުންޏެވެ. ޔޫރަޕްގެ ތަޖުރިބާ ލިބިފައިވާ ބަނގްލަދޭޝްގެ ކުޅުންތެރިންގެ ކޮލިޓީ ރަނގަޅުވުމުގެ ސަބަބަކީ އެ ތަޖުރިބާތައް ކަމަށާއި، ޓީމެއްގެ ވަރުގަދަކަން ބިނާވަނީ ލިބޭ ތަޖުރިބާގެ މައްޗަށް ކަމަށް އޭނާ ގަބޫލުކުރެއެވެ.
މުބާރާތުގައި ރާއްޖެއަށް ދެން އޮތީ މި މަހުގެ 4ވަނަ ދުވަހުގެ ހަވީރު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މި މަހުގެ 7ވަނަ ދުވަހުގެ ރޭ ވެސް ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ކުރިއަށް ހުރި މެޗުތަކަށް ޓީމުގެ ކުޅުން ރަނގަޅުކޮށް، ހެދޭ ގޯސްތައް އިސްލާހުކުރުމަށް ޕްރެކްޓިސްތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ ޔަގީންކަން ކޯޗު ވަނީ ސަޕޯޓަރުންނަށް ދީފައެވެ.
ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނަމުން އުރްބާނީ ބުންޏެވެ:
"ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަމޭ އެއީ ކޮންމެ މީހަކު ވެސް ބުނާ ވާހަކައެއް. އެހެން ނަމަވެސް އަހަރެން ބުނާނީ ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނަމޭ. ޕްރެކްޓިސްތައް އިތުރަށް ވަރުގަދަކޮށް، ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި އިތުރަށް ރަނގަޅުކޮށް، ވަކިވަކި ކުޅުންތެރިން ދެނެގަތުން އަދިވެސް އޮތީ"
ރާއްޖެއާއި، ޕާކިސްތާނާއި، އަފްޣާނިސްތާނުގެ އިތުރުން ބަނގްލަދޭޝް ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.