ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އުރްބާނީ ގެނައި ބަދަލުތަކަށް އަފްޣާން ކޯޗުގެ ތަޢުރީފް

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަފްޣާނިސްތާނުގެ ހެޑް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގުއެއިރާ، ރާއްޖޭގެ ގައުމީ ކޯޗު އިސްތަވާން އުރްބާނީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.

މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އަފްޣާނިސްތާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަފްޣާން ކޯޗު ބުނީ، ފުރަތަމަ ހާފުގައި އެޓީމުން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ރާއްޖޭގެ ކޯޗު ގެނައި ބަދަލުތަކުގެ ސަބަބުން އެޓީމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ މެދުތެރެއަށް ގެނައި ބަދަލުތަކާ އެކު އަފްޣާން ކުޅުންތެރިން ވަރުބަލިވާން ފެށިކަން އޭނާ ފާހަގަކުރިއެވެ.

"މެޗުގެ ފުރަތަމަ ކޮޅު އަހަރުމެންނަށް ވަރަށް ރަނގަޅަށް ކުޅެވުން. 45 ވަރަކަށް މިނިޓް މެޗު ޑޮމިނޭޓްކުރީ އަފްޣާން ޓީމުން. އެހެން ނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުގެ މެދުތެރެއަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ޓީމަށް ކުރިއެރުންތަކެއް އައިތަން ފެނުނު. އެކަމުގެ ސަބަބުން އަފްޣާން ކުޅުންތެރިން ވަރުބަލިވާން ފެށި. ހަގީގަތުގައި ވެސް ރާއްޖޭގެ ޓީމަށް ކޯޗް ގެނައި ބަދަލުތަކަކީ ވަރަށް ރަނގަޅު ބަދަލުތަކެއް،" ނޮގުއެއިރާ ބުންޏެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒުވާން ކުޅުންތެރިޔާ އަޙްޒަމް ރަޝީދުގެ ބަދަލުގައި ޢަލީ ފާސިރު ކުޅެން އެރުވުމުން ރާއްޖޭގެ އެޓޭކްތައް ވަރުގަދަވެ، އަފްޣާން ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މީގެ އިތުރުން ކެޕްޓަން ހަމްޒާގެ ބަދަލުގައި އިބްރާޙީމް މަހުދީ ކުޅެން އެރިއިރު، ނާއިޒް ހަސަންއާއި އުއްމީދީ ކުޅުންތެރިޔާ ނައްސާޙް އިބްރާޙީމް ވެސް ދެވަނަ ހާފުގައި ފެނިގެންދިޔައެވެ. އަދި އަފްޣާނިސްތާނުން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ޑިފެންޑަރު ޙަސަން އީނާޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އަފްޣާން ކޯޗު އިތުރަށް ބުނީ އެގައުމުގެ ޓީމަކީ ބިނާވަމުން އަންނަ ޓީމަކަށް ވުމުން މިފަދަ ބައިނަލްއަގްވާމީ މެޗުތަކުގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ. އެޓީމުގެ އަމާޒަކީ މުބާރާތުގެ ފައިނަލަށް ދިއުން ކަމަށާއި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް މެޗުގެ ކުރިން ކުޅުންތެރިންގެ ރިކަވަރީއަށް ކަމަށް އޭނާ ބުންޏެވެ. މި މުބާރާތުގައި އަފްޣާނިސްތާން ދެން ބައްދަލުކުރާނީ މިމަހުގެ 4ވަނަ ދުވަހުގެ ރޭ ބަނގްލަދޭޝްއާއެވެ. އަދި އޭގެ ފަހުން މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު އެޓީމު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު