ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކެޔޮދޫ ބަލިކޮށް ނިއުރޭޑިއަންޓުން ތިންވަނައަށް ޖެހިލައިފި

ޝެއާ ކުރޭ Facebook Telegram Viber X

19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުރަތަމަ މޮޅު ހޯދައި، ލީގު ބުރުގެ ތިންވަނަ މަގާމަށް ޖެހިލައިފިއެވެ.

ފުރަތަމަ ދެ މެޗު އެއްވަރުވެގެން ދެ ޕޮއިންޓާއެކު ކުޅެން ނިކުތް ނިއުރޭޑިއަންޓުން މި މޮޅު ހޯދީ ކެޔޮދޫއާ ބައްދަލުކޮށް 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިއުރޭޑިއަންޓުން ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުގައެވެ. އެގޮތުން ނިއުއަށް ފުރަތަމަ ލަނޑު ޖަހައިދިނީ އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން އަޔާން ހުސައިން ސަރީފްއެވެ. އޭގެ ފަހުން ކެޕްޓަން އީތަން ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އަހުމަދު މާއިން މުޙައްމަދު ވަނީ ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މުހައްމަދު އިޒާން އަލީ ވަނީ މާއިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު ތިރިތިރިން ގޯލަށް ފޮނުވާލައިގެން ނިއުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒާކީ މުޖުތަބާ ޒާހިރު ވަނީ އިޒާން ތަނަވަސްކޮށްދިން ފުރުސަތަކުން ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ނިއުރޭޑިއަންޓުން ހަތަރު ލަނޑުގެ ލީޑެއްގައި އޮއްވައި، ކެޔޮދޫގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސައްމާހު ސަލާހުއެވެ. މިއީ ނިއުގެ ޑިފެންޑަރު ޑެނިޔަލް މުހައްމަދު ދީދީ، ކެޔޮދޫގެ އަޒްޔާން އާދަމް ރަޝީދަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ކެޔޮދޫގެ ލަނޑަށް ފަހު ވެސް ނިއުރޭޑިއަންޓުން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުالله އާއިޝް އަލީ ޑީއޭރިއާ ތެރެއިން ފޮނުވާލި ތިރި ހަމަލާއެއް ގޯލަށް ވަދެގެން ނިއުގެ ފަސްވަނަ ލަނޑު ލިބުނުއިރު، ހަވަނަ ލަނޑު ކެޕްޓަން އީތަން ދިން ބޯޅައަކުން ކާމިޔާބުކުރީ އަހުމަދު ހަމްދާން އަޒްލީންއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އީތަން ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ޒާކީ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނިއުގެ ހަތްވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ނިއުރޭޑިއަންޓަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް އޮޑި އެފްސީއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ކެޔޮދޫ ތިން ޕޮއިންޓާއެކު އޮތްއިރު، މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު