ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 19އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކެޔޮދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗު 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.
މި މެޗުގައި އޮޑި ސްޕޯޓްސްގެ ފަރާތުން ފެނިގެންދިޔަ އަށް ލަނޑުގެ ތެރެއިން ހަތް ލަނޑު ފުރަތަމަ ހާފުގައި ވަނީ ކާމިޔާބުކޮށްފައެވެ. އެޓީމަށް ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނަގައިދިނީ މެޗުގެ ހަވަނަ މިނެޓުގައި ޢަލީ އައިހަމްއެވެ. އޭގެ ބާރަ މިނެޓު ފަހުން އައިހަމް ވަނީ އޭނާގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދައްކާފައިވަނީ އޮޑީގެ ޙުސައިން ޝުހާދު ސުހާނެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ހަތަރު ލަނޑު އަދި ފަހު ހާފުގައި އެއް ލަނޑާއެކު ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. އޮޑީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ރިޒާން މުޙައްމަދެވެ.
މި މޮޅާއެކު އޮޑި ސްޕޯޓްސްއަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް މާޒިޔާއަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، އޮޑި ކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. ނަމަވެސް މާޒިޔާގެ ކޮޅަށް ތިން ލަނޑު ވަނީ ވަދެފައެވެ.
މި މުބާރާތުގައި އޮޑި ސްޕޯޓްސްއަށް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ހޯމަ ދުވަހު ކެޔޮދޫ ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.