ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސީނިއާ ޓީމަށް ކުޅޭ ނަމަ ޒުވާން ކުދިންނަކީ ވެސް ޕްރޮފެޝަނަލް ކުޅުންތެރިން: މާޒިޔާ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު އޮޑި ސްޕޯޓްސްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، އެ ޓީމުގެ ކޯޗު ޓޯމާޝް ޓްރޫހާ ބުނީ ޓީމުގައި ހިމެނޭ 15އަހަރުން ދަށުގެ ކުޅުންތެރިއަކު ވިޔަސް އޭނާ ބަލަނީ ފުރިހަމަ ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ކަމަށެވެ.

ޗެކިއާއަށް ނިސްބަތްވާ ކޯޗު ހާމަކުރި ގޮތުގައި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި އުމުރަކަށް ނުވަތަ އެއީ ބޭރު ކުޅުންތެރިއެއްތޯ ނުބަލާނެއެވެ.

މި ސީޒަނަށް މާޒިޔާ އިން ނުކުތީ ނިސްބަތުން ވަރަށް ޒުވާން ސްކޮޑަކާ އެކުގައެވެ. ނަމަވެސް، މި ޒުވާން ޓީމުން ވަނީ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ އެފްއޭއެމް ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ޗެރިޓީ ޝީލްޑް މެޗު އެ ޓީމުން ކާމިޔާބުކުރީ އެއްވެސް ބިދޭސީ ކުޅުންތެރިއެއްގެ އެހީތެރިކަމާ ނުލައެވެ.

ލީގުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރޫހާ ބުނީ، އެންމެ ފަހުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް 18އަހަރުން ދަށުގެ ހަތަރު ކުޅުންތެރިންނާއި 21އަހަރުން ދަށުގެ ތިން ކުޅުންތެރިން ބޭނުންކުރި ކަމަށެވެ. އަދި އެކެޑަމީގެ 15އަހަރުން ދަށުގެ ދެ ކުޅުންތެރިން ވެސް މިހާރު ސީނިއާ ޓީމާއެކު ފަރިތަކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަކީ ކެޕްޓަން ސަމޫހް އަލީ (ޝާމު)އާއި، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)އާއި، އިބްރާހިމް އައިޝަމް (ޓޯނީ)އާއި، މިޑްފީލްޑަރު އަހްމަދު އައިހަމް (ފަޓޯ)ގެ އިތުރުން ގޯލްކީޕަރު ހުސައިން ޝަރީފެވެ.

"އަހަރެން އެ ކުޅުންތެރިންނާ އެކު މަސައްކަތްކުރަނީ ފުރިހަމަ ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ދެކިގެން. އެމީހުންނަކީ ހަމައެކަނި ޒުވާން ކުޅުންތެރިންގެ ގޮތުގައެއް އަހަރެން ނުބަލަން"

ކޯޗު ބުންޏެވެ. އޭނާ އިތުރަށް ބުނީ ކޮންމެ ކުޅުންތެރިއެއްގެ ކިބައިގައި ވެސް އުނިކަންކަމާއި ވަރުގަދަ ސިފަތަކެއް ހުންނާނެ ކަމަށާއި، އެ އުނިކަންކަން ރަނގަޅުކޮށްދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. އަދި މި މަސައްކަތުގައި ސީނިއާ ކުޅުންތެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށްވެސް ފާހަގަކުރިއެވެ.

އޭއެފްސީ 20އަހަރުންދަށުގެ ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމު މިޔަންމާ އަށް ދަތުރުކުރިއިރު މާޒިޔާގެ 10ކުޅުންތެރިން ޓީމާ ވަކިވިއެވެ. ނަމަވެސް އެ ދަނޑިވަޅުގައި ލިބުނު ބްރޭކަކީ ޓީމު އަލުން ތަރުތީބުކޮށްލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ޓްރޫހާ ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ މުބާރާތްތަކުގެ ތާވަލު ކުރިއާލައި އެނގެން އޮތުމަކީ ފަރިތަކުރުންތައް ރޭވުމުގައި ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު