އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026ގައި މިއަދު ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކާމިޔާބީ ހޯދައި، މުބާރާތުގެ ތާވަލުގެ އެއްވަނަ މަގާމަށް އޮޑި ސްޕޯޓްސް ކުލަބުން ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އޮޑި ސްޕޯޓްސްގެ އަލީ އައިހަމަށް ރެފްރީ ދެއްކި ސީދާ ރަތް ކާޑާއެކު އެ ޓީމުން މެޗުގެ ބާކީބައި ކުޅުނީ ދިހަ ކުޅުންތެރިންނާއެކުގައެވެ. އެހެން ނަމަވެސް، ދެވަނަ ހާފުގެ 65ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން އެ ޓީމު ވަނީ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި މޮޅާއެކު އޮޑި ސްޕޯޓްސްއިން ތާވަލުގެ ކުރީގައި އޮތީ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން މެޗުން ވެސް ބަލިވެފައިވާ ޓީސީ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ.
ޖުމްލަ ހަ ޓީމެއް ވާދަކުރާ މި މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށެވެ. މުބާރާތުގެ ކުޅުން މި މަހުގެ 17ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މީގެ އިތުރުން މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާއި މާޒިޔާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.