އިއްޔެ ފެށި 19 އަހަރުން ދަށުގެ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 0-8 ގެ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ.
މެޗު ފެށިގެން މާގިނައިރެއް ނުވަނީސް މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. އެޓީމުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިލާން ޢިމްރާންއެވެ. އޭނާ ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ޖެހިއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ 19 ވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 41 ވަނަ މިނެޓުގައި ނާޝިއު އަޙްމަދު ޝިހާމް ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިލާންއަށް ހެޓްރިކް ހަދަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް، މެޗުގެ 71ވަނަ މިނެޓުގައި ޢާއިދު މުޙައްމަދު ޖަވީޒް މާޒިޔާގެ ހަތަރުވަނަ ލަނޑު ޖަހައިދިންތާ ދެ މިނެޓު ފަހުން، އިލާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބޯ ވާރޭގެ ތެރޭގައި ކުޅުނު މި މެޗުގެ 77 ވަނަ މިނެޓުގައި ނަހީކް އަޙްމަދު ނިޔާޒް މާޒިޔާގެ ހަވަނަ ލަނޑު ޖެހިއިރު، އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ނަހީކްއާއި އިލާންއެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ބައިވެރިވެއެވެ. އެއީ މާޒިޔާ އާއި ޓީސީގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކެޔޮދޫ، އޮޑި ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.