އެފްއޭއެމް އިން ކުރިއަށްގެންދާ 19އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކުރުމަށް ފަހު ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ކަށަވަރުކޮށްފިއެވެ.
ބުރު ސްޕޯޓްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް އެޓީމުން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި އަރުހަމް އަމްޖަދު އެޓީމަށް ލީޑު ނަގައިދިންއިރު، އޭގެ ފަސް މިނެޓު ފަހުން ނޫހު އިސްމާޢީލް ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު ޖޫދު އިސްމާޢީލް އަދި ނޫހު ވަނީ އިތުރު ލަނޑުތަކެއް ޖަހައި ޓީސީގެ އުންމީދުތައް ފެނަށް ދުއްވާލާފައެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 71ވަނަ މިނެޓުގައި ޖޫދު ވަނީ ބުރު ސްޕޯޓްސްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޓީސީއަށް ސުންކަނޑައިލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ތިން މިނެޓަށް ވެފައިވަނިކޮށް ޢަބްދުﷲ އައިދާން ސާޖިދު ކާމިޔާބުކޮށްދިން ގޯލުންނެވެ.
މިއީ މި އަހަރުގެ މުބާރާތުގައި ބުރު ސްޕޯޓްސްއިން ހޯދި ފުރަތަމަ ކާމިޔާބީއެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކެޔޮދޫ އަތުން ވަނީ 2-1އިން ބަލިވެފައެވެ. މި މަހުގެ 17އަށް ނިމޭ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލުގެ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަށެވެ. މުބާރާތުގައި މިރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.