19 އަހަރުން ދަށުގެ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް އިދިކޮޅު ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. މި ހާފުގައި ނިއުރޭޑިއަންޓަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ޓީމުގެ ކެޕްޓަން އީތަން މުޙައްމަދު ޒަކީއަށެވެ. އޮޑި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން އީތަން ސީދާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ފެނުނު ދެ ލަނޑުވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް ލީޑު ނަގައިދިނީ ކެޕްޓަން އީތަންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޑީ އޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޙުސައިން ސުހާދު ސުހާން ވަނީ ލަނޑެއް ޖަހައި އޮޑިއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ސުހާދުގެ އިތުރުން ޢަބްދުﷲ ރިޒާން މުޙައްމަދާއި ޢަލީ އައިހަމްގެ ގުޅުންތެރި ކުޅުމަށް ފަހު، ކީޕަރާ ދުރު ދަނޑީގައި ޖެހިފައި ގޯލަށް ވަތް ހިތްގައިމު ލަނޑެކެވެ.
މި މެޗާއެކު މުބާރާތުގައި ވާދަކުރާ ހަ ޓީމުން ވެސް މިހާރު ވަނީ ފުރަތަމަ މެޗު ކުޅެ ނިންމާފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ޓީސީގެ މައްޗަށް 0-8 ގެ ބޮޑު މޮޅެއް ހޯދިއިރު، ދެވަނަ މެޗުގައި ކެޔޮދޫއިން ވަނީ ބުރު ސްޕޯޓްސް ކުލަބު 1-2 އިން ބަލިކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.