އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކޮށް 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައެވެ.
މެޗު ފެށިގެން ފުރަތަމަ 19 މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ނައްސާޙް އިބްރާޙީމް ނާސިރު ވަނީ އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި 19ވަނަ މިނެޓުގައި އައިދު މުޙައްމަދު ޖަވީޒް ވަނީ މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން މެޗުގެ 20ވަނަ މިނެޓުގައި އާކިފް ބިން މުޙައްމަދު ޖެހި ލަނޑުން ނިއުރޭޑިއަންޓުން ފަރަގު ކުޑަކުރިއެވެ. އަދި މެޗުގެ 37ވަނަ މިނެޓުގައި އިބްރާޙީމް އަރުޝާން ނާޝިދު ވަނީ ލަނޑެއް ޖަހައި، ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަނޫފް އަބްދުﷲ ޖެހި ލަނޑާ އެކު މާޒިޔާއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. އެހެން ނަމަވެސް، ނިއުރޭޑިއަންޓުން ވަނީ ހިތްވަރު އެލުވާ ނުލައި ކުޅެ، މެޗުގެ 77 ވަނަ މިނެޓުގައި ޒާކީ މުޖުތަބާ ޒާހިރު ކާމިޔާބުކުރި ލަނޑުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށް، އެ ޓީމަށް މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.
މިއީ މި މުބާރާތުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ. މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން 0-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ނިއުރޭޑިއަންޓް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް އެއްވަރުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.