ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)ބުނީ، އޭނާގެ އާއިލާއާ ބޮޑު ގުޅުމެއް އޮތް އަދި ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ނިއު ރޭޑިއަންޓާ މެދު މިހާރު އޭނާގެ ހިތުގައި އެއްވެސް ހާއްސަ އިހުސާސެއް ނެތް ކަމަށެވެ.
އާ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް މޯހަން މިއަދު ހާޒިރުވީ ވެސް "ނިއު ރޭޑިއަންޓުގެ ގެ"އިން ނުކުމެގެން، ވިކްޓަރީގެ ރަތް ޖޯޒީގައެވެ.
މޯހަންގެ ބައްޕަ، އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ކުއީން އަހްމަދު ވަހީދަކީ ނިއު ރޭޑިއަންޓްގެ ޒަމާންވީ މަސްއޫލުވެރިޔާއަށް ވާއިރު، އޭނާގެ މުޅި އާއިލާގެ ގުޅުން އޮތީ އެ ކްލަބާއެވެ. ނަމަވެސް، މޯހަން ބުނީ ނިއުއާ މެދު އިހުސާސެއް އޮތް ނަމަ އެއީ ހަމައެކަނި މާޒީގެ ހަނދާންތަކެއް ކަމަށެވެ. އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނިއުއާ ދެކޮޅަށް އެކި ކްލަބްތަކުގައި މަސައްކަތް ކުރަން ޖެހުމުން މިހާރު އެ ފަދަ އިހުސާސްތަކެއް ނުހުންނަ ކަމަށް އޭނާ ބުންޏެވެ.
"މިހާރު އަޅުގަނޑު މިހާ ދުވަސްވަންދެން ނިއު ރޭޑިއަންޓާ ދެކޮޅަށް އެކި ކްލަބްތަކަށް ކޯޗުކޮށްދެވިފައި ހުރީމަ އެ ފީލިންގްއެއް ހަމަ އެއްގޮތަކަށް ވެސް ނުހުރެޔޭ ބުންޏަސް ދޮގަކަށް ނުވާނެ"މޯހަން ބުންޏެވެ. "2012ގެ ފަހުން ނިއު ރޭޑިއަންޓަކަށް ކޯޗުކޮށް ދޭކަށް ފުރުސަތެއް ނުލިބޭ. ދެން މުޅިން ވެސް އެކީ އެހެން ކުލަބުތަކަށް ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުންނަން މި ލިބުނީ. އެހެންވީމަ އެކަން ވެސް މިހާރު ގޮސް ގޮސް ފަރިތަވެފައި އާދަވެފައޭ ބުންޏަސް ގޯހަކަށް ނުވާނެ"
ވިކްޓަރީއާ އެކު މޯހަންގެ ފުރަތަމަ ރަސްމީ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ކަޕް ވިނާސް ކަޕްގައި ވާދަކުރި ހަތަރު ޓީމަށް ވުރެ ލަހުން ފަރިތަކުރުންތައް ފެށި ނަމަވެސް، ވިކްޓަރީން ވަނީ ސްރީ ލަންކާގައި އެއް ހަފުތާގެ ޓްރޭނިން ކޭމްޕެއް ފުރިހަމަކޮށް، އިއްޔެ ރާއްޖެ އެނބުރި އައިސްފައެވެ. މޯހަން ބުނީ ވިކްޓަރީގެ އަމާޒަކީ ލީގަށް ވާދަކުރުން ކަމަށާއި، ފުރަތަމަ މެޗުން ފެށިގެން ވެސް އެ ރޫހުގައި ކުޅެން ޖެހޭނެ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.