ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އޮޑި ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗަށް ފަހު، މުބާރާތުގެ މެޗުތައް ގާތްކޮށް ރާވާފައިވުމުން ކުޅުންތެރިންނަށް އަރާމުކުރަން ލިބޭ ވަގުތު ކުޑަވި ނަމަވެސް، ވާދަކުރާ ހުރިހާ ޓީމުތަކަކުން ވެސް މެޗަކަށް ވުރެ މެޗެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަކަމަށް އޮޑީގެ އިސް ކޯޗު އަޙްމަދު ފައްރާހު (ފައްރަ)ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފައްރާހު ފާހަގަކުރި ގޮތުގައި، ބަލިވުމުގެ ސަބަބުން ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކަށް މި މެޗުގައި ނުކުޅެވުނު ކަމުގައިވިޔަސް، ދަނޑުމަތީގައި ތިބި ކުޅުންތެރިން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް މެޗުގެ ދެވަނަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށާއި، އެހެންނަމަވެސް އެ ހާލަތުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އަދި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެކަން އޭނާ ފާހަގަކުރިއެވެ.
މި މެޗުގައި އޮޑި ސްޕޯޓްސް ކުލަބަށް ދިހަ ކުޅުންތެރިންނާއެކު ކުޅެން މަޖުބޫރުވީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމުގެ ޢަލީ އައިހަމަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މި ކާޑު އޭނާއަށް ދައްކާފައި ވަނީ، ޓީސީގެ ކުޅުންތެރިއަކު އޭނާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ކަށިގަނޑު ފުމެފައިވަނިކޮށް، ރުޅިގަދަވެގެން ގޮސް އިދިކޮޅު ކުޅުންތެރިޔާގެ ގައިގައި ޖެހުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، އޮޑި ސްޕޯޓްސް ކުލަބުން ވަނީ 1-0ގެ ނަތީޖާއަކުން ޓީސީގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއެއްގެ އެހީގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުޒަމް ރަޝީދެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އޮޑިން ވަގުތީ ގޮތުން ތާވަލުގެ ކުރި ހޯދި ނަމަވެސް، ރޭ މާޒިޔާއިން ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރުމާ އެކު، ފައިދާ ގޯލުގެ ތަފާތުން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.