ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބަށް އިރުޝާދު ދެމުންދިޔަ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ، އޭނާގެ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މަގާމުން ވަކިވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އޮޑީގެ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، ކޯޗުކަމުގެ މަގާމުން ގްރެގޯރިއޯ ދުރަށްދިޔައީ އޭނާ އަމިއްލައަށް އެކަމަށް އެދިގެންނެވެ. މިއާއެކު، އެ ކުލަބަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ބުރާސްފަތި ދުވަހު ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް އޮޑި ނުކުތީ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ)ގެ ބެލުމުގެ ދަށުންނެވެ.
މި ސީޒަނުގައި ކަޕް ވިނާސް ކަޕުގެ މެދުތެރެއިން އޮޑިއާ ގުޅުނު ގްރެގޯރިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މުބާރާތުގެ ތިންވަނަ މަގާމު ހާސިލުކޮށްފައެވެ. އޭނާ އެންމެ ފަހުން އެ ޓީމަށް އިރުޝާދު ދީފައިވަނީ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ.
ބިދޭސީ ފަރާތްތަކާއެކު އޮޑިން ކުރިއަށްގެންދާ މަސައްކަތްތަކަށް މީގެ ކުރިން ވެސް ވަނީ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ސްޕެއިންގެ މަޝްހޫރު ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒް އޮޑިއަށް ގެނައުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ. ކުލަބާއެކު ސޮއިކުރުމަށް އޭނާ ރާއްޖެ އައިސްފައިވީ ނަމަވެސް، ރާއްޖޭގެ ފުޓުބޯޅައިގެ ވަސީލަތްތައް ދަށްކަމަށް ބުނެ އޭނާ ވަނީ އެނބުރި ގޮސްފައެވެ. ރޮޑްރިގޭޒް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭރު ފާހަގަކުރީ އާޓިފިޝަލް ޓާފުގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށްފަހު، އަސްލު ވިނަ ދަނޑެއްގައި ރަސްމީ މެޗުތައް ކުޅެން ޖެހުމުގެ މައްސަލައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.