ރާއްޖޭގެ ފުޓުބޯޅައިގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޓީމު ކަމަށްވާ އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް، އޭޝިއާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ރުއީ ގްރެގޯރިއޯ ގެނައުމަށް އެ ކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އައު ސީޒަނަށް އަމާޒުކޮށް އޮޑިން މި ގެނައި ކޯޗު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެ އައިސް ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް އެ ޓީމުން ދެ މެޗެއް ކުޅެފައިވާއިރު، އެ މެޗުތަކުގައި ޓީމަށް މަގުދައްކައިދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ)އެވެ.
ގްރެގޯރިއޯއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. އެންމެ ފަހުން އޭނާ ހުރީ މިޔަންމާގެ ޑްރެގަން ސްޓާ ޔުނައިޓެޑްގެ އިސް ކޯޗުގެ މަގާމުގައެވެ. އޭގެ އިތުރުން ލުބުނާނުގެ ސަލާމް ޒުގާތާ އަދި ގާނާގެ ބެރަކޫމް ޗެލްސީއަށް ވެސް އޭނާ ވަނީ އިރުޝާދުދީފައެވެ. ސައުދީ ޕްރޯ ލީގުގެ އަލް ތާވޫންގެ އެސިސްޓަންޓް ކޯޗުކަން ކުރުމުގެ އިތުރުން، އިންޑިއާގެ ނަންމަޝްހޫރު ބެންގަލޫރު އެފްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން ޖެހިޖެހިގެން ތިން ސީޒަނެއްގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ ޕޯޗުގަލްގެ އެކި ލީގުތަކުގައާއި އެންގޯލާގައި ވެސް ފުޓުބޯޅައިގެ މަސައްކަތްތަކެއް އޭނާ ވަނީ ކޮށްފައެވެ.
ފާއިތުވި ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް އަލަށް ތައާރަފުވެ، އޮޑިން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު ހޯދުމަށް ފަހު، އެ ޓީމުން ވަނީ ބަލިނުވެ ލީގު ނެގި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފައިނަލުގައި ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ތާޖު އުފުލާލާފައެވެ. މިދިޔަ އަހަރު އެ ޓީމަށް ކާމިޔާބީތައް ހޯދައިދިން ސްޕެއިންގެ ކޯޗު އަންދްރޭސް ގާސިއާ މިހާރު ވަނީ އެ ކުލަބުގެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.