ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

15 އަހަރުގެ ސޫރްޔަވަންޝީ ސަޗިންގެ ޒަމާންވީ ރިކޯޑު މުގުރާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސިވިލާތުގެ މެންޗެސްޓާގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު ޓީ20މެޗުގައި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމަށް ކުޅެދީ، އުމުރުން އެންމެ 15އަހަރުގެ ވައިބަވް ސޫރްޔަވަންޝީ، ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރު ގާއިމުކޮށްފައި އޮތް އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު މުގުރާލައިފިއެވެ.

އުމުރުން 15އަހަރާއި 99ދުވަހުގައި ބައިނަލްއަގުވާމީ ކްރިކެޓަށް ތައާރަފުވި އުންމީދީ ބެޓްސްމަންވެފައި ވަނީ އިންޑިއާގެ ޓީ20ޓީމަށް ކުޅުނު 122ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރިކޯޑު އޮންނަނީ 1989ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ޓެސްޓް މެޗެއްގައި އުމުރުން 16އަހަރުގައި ކުޅެން ނުކުތް ސަޗިންގެ އަތުގައެވެ.

މިދިޔަ މާރިޗު މަހު ސްކޮޑަށް ނެގުމަށް ފަހު އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ބެންޗުގައި އިން ނަމަވެސް، އިންގްލެންޑާ ދެކޮޅަށް ކުޅޭ ފަސް މެޗުގެ ސީރީޒްގެ ދެވަނަ މެޗުގައި އޭނާއަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އޯޕަނިންގް ބެޓްސްމަނެއްގެ ގޮތުގައި ނުކުމެ އޭނާ ވަނީ 10ބޯޅައިން 14ލަނޑު ހަދާފައެވެ. ވިލް ޖެކްސްގެ ބޯޅައަކުން އައުޓްވުމުގެ ކުރިން އޭނާ ވަނީ ޖޮފްރާ އާޗާ އަދި ޖޯޝް ޓަންގުގެ ބޯޅަތަކަށް ދެ ފަހަރު ހަޔަކަށް ޖަހާފައެވެ.

އިންޑިއާ ޓީމުގެ ކެޕްޓަން ޝްރެޔަސް އައްޔަރު ބުނީ ސޫރްޔަވަންޝީއަކީ ޕްރެޝަރާ ކުރިމަތިލުމުގެ ހުނަރު ލިބިފައިވާ، ޤައުމީ ޓީމުގެ ޖާގަ ހައްގުވާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކިބައިގައި ހުރީ ވަރަށް ވަރުގަދަ އަޒުމެއް ކަމަށެވެ. 

ސޫރްޔަވަންޝީގެ ހުނަރު އެންމެ ބޮޑަށް ފާހަގަވާން ފެށީ މިދިޔަ އަހަރުގެ އައިޕީއެލް މުބާރާތުގައި 35 ބޯޅައިން ހެދި ސެންޗަރީއާ ގުޅިގެންނެވެ. މިއަހަރުގެ މުބާރާތުގައި 72ހަޔަކާ އެކު އައު ރިކޯޑެއް ހަދައި، 237އަށް ވުރެ މަތީ ސްޓްރައިކް ރޭޓެއްގައި ކުޅެ އެންމެ ގިނަ ލަނޑު ސްކޯކުރި ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދިއެވެ. މޮޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، ސިލެކްޓަރުން ވަނީ އޭނާއަށް 15އަހަރު ފުރެންދެން ޤައުމީ ސްކޮޑަށް ނުނަގައި މަޑުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު