ތައިލޭންޑުގެ ޕުކެޓުގައި ޖޫން 27އިން ޖުލައި 4އަށް ކުރިއަށްދިޔަ "ހުއާ ހިން ސިކްސެސް ކްރިކެޓް މުބާރާތް"ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް، ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމް 1އިން އެ މުބާރާތުގެ ތަށި ރާއްޖެއަށް މިލްކުކޮށްދީފިއެވެ.
މި ފަޚުރުވެރި މުބާރާތުގެ ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ދެ ޓީމު ކަމަށްވާ ސީނިއާ ކްރިކެޓާސް ޓީމް 1އާއި ޓީމް 2އެވެ. ހަ ވިކެޓުގެ ތަފާތަކުން ޓީމް 2ބަލިކޮށް، ޓީމް 1އިން މި ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތަ މޮޅުވުމުގެ ފުރިހަމަ ރެކޯޑަކާއެކުގައެވެ.
މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ވެސް ހާސިލުކުރީ ދިވެހި ކުޅުންތެރިންނެވެ. އެގޮތުން، މުބާރާތުގެ އެންމެ މޮޅު ވެޓެރަންސް ބޯލަރުގެ މަގާމަށް އިސްމާއީލް އަނިލް ހޮވުނުއިރު، އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިއަކަށް ހޮވިފައިވަނީ މޫސާ ކަލީމްއެވެ. މީގެ އިތުރުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު އިސްހާގު ވަނީ އެންމެ މޮޅު ސުޕާ ވެޓެރަންސް ކުޅުންތެރިޔާގެ މަގާމު ހާސިލުކުރައްވާފައެވެ.
އުމުރުން 35، 50އަދި 60އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތުގެ ހުރިހާ އުމުރުފުރާއެއްގައި ވެސް ރާއްޖެއިން ވާދަކުރިއެވެ. ފާއިތުވި ދެ އަހަރުވެސް ރާއްޖޭގެ 35އަހަރުން މަތީގެ ޓީމާއި 50އަހަރުން މަތީގެ ޓީމުން ވަނީ ޗެމްޕިއަންކަން ނަގާފައެވެ. ހަމައެހެންމެ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ތައިލޭންޑުގެ ޗަންގމާއީގައި ނިމިގެންދިޔަ 36ވަނަ ސިކްސެސް މުބާރާތުގައި ވެސް ދިވެހި ވެޓެރަންސް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
މި ތާރީޚީ ކާމިޔާބީއާ އެކު، މުބާރާތުގެ ތަށި ހިފައިގެން ދިވެހި ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 6ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.