އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ހޯދުމަށް ކުޅުނު ކޮލިފައިން މެޗުތައް ނިމުމާ އެކު، ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުގެ މަގާމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ.
ގްރީން ސްޓްރީޓްސްއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ދެން ނިސްތާރު ނުފެންނާނެކަން ހާމަކޮށް، ފާއިތުވީ ހަ އަހަރުގެ ތެރޭގައި އޭނާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ނިސްތާރުގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ އަށްވަނައިގައެވެ. މިއާ އެކު ރެލިގޭޝަން ޕްލޭއޮފްގައި ވާދަކުރަން ޖެހުނުއިރު، ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. ޕްލޭއޮފްގައި ވާދަކުރި ހަ ޓީމުގެ ތެރެއިން ގްރީންއަށް ލިބުނީ ފަސްވަނައެވެ.އެއާ އެކު އެ ޓީމް ވަނީ ޕްރިމިއަރ ލީގުން ސޮއްސާލައިފައެވެ.
މީގެ ކުރިން ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ނިސްތާރު ވަނީ ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްފައެވެ.
މިދިޔަ ސީޒަން ނިމުމާއެކު ވެސް ނިސްތާރު ކޯޗުކަން ދޫކޮށްލަން ނިންމިއެވެ. ނަމަވެސް، އެ ނިންމުން ނިންމިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާ ވަނީ ނިންމުން ބަދަލުކޮށްފައެވެ. އެ ފަހަރު ނިންމުން ބަދަލުކުރި ސަބަބާ ގުޅޭގޮތުން ނިސްތާރު ބުނީ، ކްލަބުގައި މަޑުކުރަން ނިންމީ ގްރީންގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލް (މުއާބެ)އާއި މެނޭޖްމަންޓުގެ އިތުރުން ޓީމުގެ ކެޕްޓަން ރިލްވާން ވެސް އެދުމުން ކަމަށެވެ. އަދި ކުޅުންތެރިންނާއި މެނޭޖްމަންޓާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން މަޑުކުރަން ނިންމި ނަމަވެސް، އޭގެ ފަހުން ކުޅުނު ޕްލޭއޮފް މެޗުތަކުގައި ވެސް ގްރީންއަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
ގްރީންއާ ދުރަށް ޖެހިލުމަކީ ހިތާމަވެރި ކަމެއްކަން ފާހަގަކޮށް ނިސްތާރު ބުނީ، އެ ކްލަބުގައި އެންމެން ގުޅިގެން ބިނާކުރި ކަންކަމާ މެދު ފަހުރުވެރިވާ ކަމަށެވެ. ނިސްތާރުގެ ކޯޗުކަމުގައި ގްރީންއިން ވަނީ ދިވެހި ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޯދުމުގެ އިތުރުން، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ ވެސް ހޯދާފައެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ގްރީން އިން އަބަދުވެސް ފަސްނުޖެހި ކުރިމަތިލިއިރު، އެ ކްލަބަކީ އޭނާއަށް އާއިލާއެއް ފަދަ ތަނެކެވެ.
ގްރީންގެ ކޯޗުކަމުން ނިސްތާރު މި ވަކިވީ އެ މަގާމުގައި ހަ އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2020ވަނަ އަހަރު، އޭރުގެ ކޯޗު އަލީ ސުޒެއިން މަގާމުން ވަކިވުމާ ގުޅިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.