ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރިމިއާ ލީގު ޕްލޭއޮފް ހޯމަ ދުވަހު ފަށަނީ: ފުރަތަމަ މެޗުގައި ހުރާއާއި ގްރީން ސްޓްރީޓްސް

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމަށް ޓަކައި ކުޅޭ ކޮލިފިކޭޝަން ޕްލޭއޮފްގެ މެޗުތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. 

 ޖުމްލަ ހަ ޓީމަކުން ވާދަކުރާ މި ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކ. ހުރާ އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 04:00ގައެވެ.

މި ފަހަރުގެ ޕްލޭއޮފްގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުން ޕްލޭއޮފް ކުޅެން ޖެހުނު ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން، ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ރީޖަނަލް ލީގު (ދެވަނަ ޑިވިޝަން)ގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކުލަބާއި، ސެންޓްރަލް ލީގުގެ ޗެމްޕިއަން ހުރަޔާއި، ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫގެ އިތުރުން ސައުތު ލީގުގެ ޗެމްޕިއަން ގދ. ގައްދޫއެވެ.

ޕީއެސްއެމް ޓީވީ ބިލްޑިންގުގައި މި މުބާރާތުގެ ގުރުނެގުން ދައްކާ ގޮތުގައި ފުރަތަމަ ދުވަހުގެ ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ގައްދޫ އާއި ހއ. ދިއްދޫއެވެ. އަދި އަންގާރަ ދުވަހު ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މި މަހުގެ 25ވަނަ ދުވަހު ޕްލޭއޮފްގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށެވެ.

މި ޕްލޭއޮފްގެ އެންމެ މަތިން ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް އަންނަ ސީޒަނުގެ ދިވެހި ލީގުން ފުރުސަތު ލިބޭނެއެވެ. މިއާ އެކު އަންނަ ސީޒަނުގައި ލީގުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 10އަށް އިތުރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ލާމަރުކަޒީ އުސޫލުން ކުރިއަރުވައި ތަރައްގީކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިގޮތުން ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޮލިފިކޭޝަން ފަށާފައި ވަނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު