ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިލްވާން ބުރު ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، ފާއިތުވި އަހަރު ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަންކަން ކުރި ތަޖުރިބާކާރު ކުޅުންތެރިޔާ ރިލްވާން ވަހީދު (ރިލޭ)، އާދިއްތަ ދުވަހު ބުރު ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.

އާދިއްތަ ދުވަހު އެ ކުލަބާ އެކު އެއްބަސްވުމަކަށް އައުމަށް ފަހު، އެ ދުވަހުގެ ހަވީރު ބުރުން ކުރިއަށްގެންދިޔަ ޓްރެއިނިންގ ސެޝަނުގައި ރިލްވާން ވަނީ ބައިވެރިވާން ފަށާފައެވެ. ރިލްވާނަކީ މީގެ ކުރިން ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ހުނަރުވެރިއެކެވެ.

އައު ފުޓުބޯޅަ އަހަރަށް ބުރުން ކުރިމަތިލަނީ ސްޕެއިންއަށް ނިސްބަތްވާ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒްގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ އިތުރުން ވެސް ގިނަ ބަދަލުތަކެއް އެ ޓީމަށް ގެނެސްފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އައު ކުޅުންތެރިންތަކެއް ވަނީ އެ ސްކޮޑުގައި ހިމަނާފައެވެ.

އެގޮތުން ބުރާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި، ދިވެހި ޤައުމީ ޓީމާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ގޯލު ކުރިން ބެލެހެއްޓި ކުޅަދާނަ ކީޕަރު އަލީ ނާޖިޙް ފާހަގަކޮށްލެވެއެވެ. ސްރީލަންކާގައި ބޭއްވުނު ސުޕާ ކަޕްގައި ޤައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ޒިންމާ އުފުލީ ވެސް ނާޖިޙްއެވެ.

ދިވެހި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ރިލްވާނަކީ ކާމިޔާބު މާޒީއެއް އޮތް ކުޅުންތެރިއެކެވެ. 2006ވަނަ އަހަރު ކުލަބު ވެލެންސިއާއިން ފުރަތަމަ ޑިވިޝަނަށް ތަޢާރަފުވި މި ކުޅުންތެރިޔާ ވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސް ފަދަ ނަން މަޝްހޫރު ޓީމުތަކަށް ކުޅެދީފައެވެ. މީގެ އިތުރުން، ހަވީރު ނޫހުން 2012ވަނަ އަހަރު ހޮވި 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް އޭނާ ވަނީ ޙާސިލުކޮށްފައެވެ. 

މުބާރާތްތަކުގެ ތަފާސްހިސާބަށް ބަލާއިރު، ރިލްވާން ވަނީ ތިން ކުލަބަކާ އެކު ދިވެހި ލީގުގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލާފައެވެ. އަދި އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން ޗެރިޓީ ޝީލްޑް ވެސް ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު